ކިންގް ސަލްމާން މިސްކިތުގައި ރޯދަ މަހު ނަމާދު ކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
ސައޫދީ ރަސްގެފާނުގެ ހިލޭ އެހީގައި މާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އިމާރާތް ކުރަން ހަމަޖައްސައި، އެކަމާ ގުޅޭ މަސައްކަތްތައް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެ މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ގެ ބަޖެޓަކާއެކުއެވެ.
އިސްލާމިކް ސެންޓަރެއްގެ ކޮންސެޕްޓަށް ހަ ބުރިއަށް ހަދާފައިވާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް އެއްކޮށް ނިމިފައިވާ އިރު، މިދިޔަ ދެ ރޯދަ މަހުގެ ކުރިންވެސް އެ މިސްކިތް ހުޅުވަން ދިޔައީ ތައްޔާރުވަމުންނެވެ. ނަމަވެސް އެތަން ހުޅުވައި, ނަމާދުކުރަން ފަށައިފައެއް ނުވެއެވެ.
ސަބަބެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނަނީ, އެ މިސްކިތަކީ ސައުދީގެ އެހީގައި އިމާރާތްކުރި މިސްކިތަކަށް ވެފައި އެބޭފުޅުންގެ ވެސް ބައިވެރިވުމާއެކު އެތަން ހުޅުވަން ބޭނުން ވުމެވެ. ނަމަވެސް ސައުދީގެ ވަފުދަށް ރާއްޖެ އާދެވޭ ގޮތް އަދިވެސް ނުވެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު މިއަދު މީޑިއާތަކަށް ވިދާޅުވީ ސަލްމާން މިސްކިތުގައި ރޯދަމަހު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
ސައުދީގައި އިނގިރޭސި ބަހުން ނެރެމުން އަންނަ ނޫހެއް ކަމަށްވާ, އަރަބް ނިއުސްއަށް ރާއްޖެއިން ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލު މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުން, ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވާނީ ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ރާއްޖެއަށް ކުރައްވާ ދަތުރުފުޅެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު