ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިފްކޯ މުވައްޒަފުން އިސްނަގައިގެން ހާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވައިފިއެވެ.
އެ ރަސްމިއްޔާތު ސަރުފުވެރިކޮށް ދެއްވާފައިވަނީ ގައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު އާމިރު އަހްމަދުއެވެ.
އެ ރަސްމިއްޔާތުގައި އާމިރު ވަނީ ދިވެހި ބަހާއި ގުޅޭގޮތުން އަދި ހާއްސަކޮށް ވަޒީފާގެ މާހައުލުގައި ދިވެހި ބަހުގެ މުހިންމުކަމާ ގުޅޭގޮތުން މިފްކޯގެ މުވައްޒަފުންނާ މުހާތަބުކުރައްވައި ވާހަކަ ދައްކަވާފައެވެ. އާމިރުގެ ވާހަކައިގައި ހިންގުމުގެ ދާއިރާގައި ނަތީޖާ ހާސިލުކޮށް ލަނޑުދަނޑިއަށް ވާސިލްވުމަށް ދިވެހި ބަސް އުނގެނުމުގެ މުހިންމުކަން ހާމަކޮށްދެއްވާފައިވެއެވެ.
ވަޒީފާގެ މާހައުލުގައި ވެރިން މުވައްޒަފުންނާ ކުރާ މުއާސަލާތާއި މުވައްޒަފުންގެ މެދުގައި ކުރެވޭ މުއާސަލާތަކުގައި ބަސް އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި އާމިރު ވަނީ ވާހަކަ ދައްކަވައިފައެވެ. އެންމެ ހެޔޮ ގޮތުގައި ބަހުގެ ބޭނުން ކޮށްގެން ވަޒީފާގެ މާހައުލުގައި ކުރެވޭ މުއާސަލާތު ރަނގަޅުވެގެން ގޮސްފިނަމަ ކުންފުނީގެ މަސައްކަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބި އެއް ދުވަހުގެ މަސައްކަތް ދުވަހުގެ އެއްބައިން ނިންމާލެވި ރަނގަޅު ނަތީޖާ ހާސިލު ކުރެވިގެންދާނެ ކަމަށް ވެސް އާމިރު ވިދާޅުވިއެވެ.
މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ އަދި އެ ކުންފުނީގެ އިސްވެރިން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. މިފްކޯގެ މުވައްޒަފުން އެ ރަސްމިއްޔާތުގައި ބައިވެރިވީ ސަގާފީ ހެދުންތަކުގައެވެ.
މާދަރީ ބަހުގެ ދުވަހާ ގުޅުވައިގެން މިފްކޯއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިފްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ވަޒީފާގެ މާހައުލުގައި ދިވެހި ބަހުގެ ލިޔެކިޔުންތެރިކަމުގެ ހުނަރު ކުރިއެރުވުމަށް ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު