ޅ. އޮޅުވެލިފުށީން: އަލީ ޔާމީން - ވަން އޮންލައިން

ޅ. އޮޅުވެލިފުށީ ރައްޔިތުން ދަތުރުދިއުމަށް އެރަށާ ކައިރީގައި ޕިކްނިކް އައިލެންޑެއް ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އޮޅުވެލިފުއްޓަށް ރައީސް ސޯލިހު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށު ބަނދަރު ސަރަހައްދުގައި މިއަދު މެންދުރު ބޭއްވި "ޖަޒީރާ ހޮޅުއަށި" ބައްދަލުވުމުގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، އޮޅުވެލިފުށީ ބަނދަރުގެ މަސައްކަތް ކުރާއިރު ލިބޭ ވެލި ބޭނުންކޮށްގެން ޕިކްނިކް އައިލެންޑެއް ހެދިދާނެ ކަމަށެވެ. އެގޮތުން ދެ ހެކްޓަރުގެ ރަށެއް ހެދިދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ޕިކްނިކް އައިލެންޑާއެކު ރަށުގެ ސްޓްރަކްޗާއަށް ބަދަލެއް އަންނާނެ ކަމަށާއި ޕިކްނިކް އައިލެންޑް ހަދާއިރު ދިރާސާތައް ކުރަން ޖެހޭ ކަމަށެވެ.

އެކަމުގެ އިތުރު ތަފްސީލުތައް ދެއްވަމުން ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، އޮޅުވެލިފުށީގެ ނެރަށް ބަދަލެއް އަންނަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ބަނދަރު ރީ- ލޮކޭޓް ކޮށްގެން ކަމަށެވެ.

"ދެ ހެކްޓަރުގެ ރަށެއް ގާއިމުކުރުމަށް އަޅުގަނޑުމެންނަށް ވެލި ލިބޭނެ. އެހެންކަމުން މިރަށުގެ އިހްތިސާސްގެ ކޮންމެ ސަރަހައްދަކަށް އެ ވެލި އަޅައި ދެ ހެކްޓަރުގެ ބިމެއް ހިއްކޭނެ." އަސްލަމް ވިދާޅުވިއެވެ.

އޮޅުވެލިފުށީގައި ޕިކްނިކް އައިލެންޑެއް ހައްދަވައިދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއިރު، އެ މަސައްކަތް ކުރެވޭނެ ސީދާ ވަކި ތާރީހެއް ވިދާޅެއް ނުވެއެވެ.

ސަރުކާރުން ވަނީ މާފުށި ކައިރީގައިވެސް ޕިކްނިކް އައިލެންޑެއް ހަދައިދީފައެވެ. އަދި މާލެ ކައިރީގައިވެސް ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.