ޅ. އަތޮޅުގައި ވޮކޭޝަނަލް ތަމްރީނުދޭ މަރުކަޒެއް ގާއިމްކޮށްދިނުމަށް އެ އަތޮޅު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.
ނައިފަރަށް ރައީސް އިއްޔެ ކުރެއްވި ދަތުރުފުޅުގައި، އެ އަތޮޅު ކައުންސިލާއެކުގައި ބޭއްވި ބައްދަލުކުރެއްވުމުގައި، އެ އަތޮޅު ކައުންސިލުން ވަނީ އެ ކައުންސިލުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން އެކުލެވޭ ކަރުދާހެއް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. އެ ކަރުދާހުގައި އަތޮޅުގައި ވޮކޭޝަނަލް ތަމްރީނުދޭ މަރުކަޒެއް ގާއިމުކުރަން އެދޭކަމާއި އަތޮޅު ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމްކުރުމާ ސިއްހީ ނިޒާމު ހަރުދަނާކުރުމާއި ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުސަތު އަތޮޅުގެ ރައްޔިތުންނަށް ފަހިކުރުންފަދަ ކަންކަން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އަތޮޅުކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ ނައިފަރު ކައުންސިލުގެ އައު އިމާރާތަށް ޒިޔާރަތް ކުރައްވައި އެތަން ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ނައިފަރުގެ އިތުރުން މަޑިވަރާއި ހިންނަވަރާއި ފެލިވަރަށް ވަނީ ވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނު އޮޅުވެލިފުށްޓާއި ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު