ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޅ. އަތޮޅަަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އޮޅުވެލިފުއްޓަށް މިއަދު ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ސޯލިހު އޮޅުވެލިފުއްޓަށް ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިއީ ޅ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ހަތަރު ވަނަ މަންޒިލެވެ.

އޮޅުވެލިފުށިން ރައީސް ސޯލިހަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ދަންނަވައިފައެވެ. އަދި އެމަނިކުފާނުގެ އިސްތިގުބާލުގައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.

ރައީސް ސޯލިހު އޮޅުވެލިފުއްޓަށް ކުރައްވާ މި ދަތުރުފުޅުގައި އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެއެވެ. އަދި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

ރައީސް ސޯލިހު ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މަޑިވަރު، ހިންނަވަރު، ފެލިވަރު، ނައިފަރު، އޮޅުވެލިފުށި، އަދި ކުރެންދުއަށް ވަޑައިގަންނަވާނެއެވެ. ރައީސް ސޯލިހު ފުރަތަމަ ވަޑައިގެންފައިވަނީ މަޑިވަރަށެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަޑައިގެންނެވީ އުފަން ރަށް، ހިންނަވަރަށެވެ.