ފެލިވަރުގައި އާ ކޯލްޑް ސްޓޯރޭޖް އަޅާ ސަރަހައްދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްލަވާލައްވައިފިއެވެ.

ރައީސް ސޯލިހު ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެލިވަރަށް މިއަދު ވަޑައިގަތުމުން އެރަށުން ރައީސަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

ފެލިވަރުން ރައީސަށް މަރުހަބާ ދެންނެވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީއެވެ. އެމަނިކުފާނުގެ އަރިހުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ފެލިވަރު، ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަށް 8200 މެޓްރިކް ޓަނު އިތުރުކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެ މަޝްރޫއުތައް ނިމުމުން، މިފްކޯއަށް ދުވާލަކަށް މަސް ގަނެވޭ މިންވަރު 61 ޕަސެންޓް އިތުރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޅ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.