މަޑިވަރު އެއާޕޯޓު ތަރައްގީކުރި، ކުރެއްދޫ ހޯލްޑިންގްގެ ވިސްނުމަކީ އެއާޕޯޓް އިންޓަނޭޝަނަލް ކުރުން ކަމަށާއި އެކަމުގެ މަސައްކަތްތައް ނުފެށުނީ އެމްޓީސީސީގެ މަސައްކަތްތައް ގިނަވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަޑިވަރު އެއާޕޯޓް ހުޅުވުމަށް މަޑިވަރު އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މަޑިވަރު އެއާޕޯޓެއް އެޅުމަކީ ޅ. އަތޮޅުގެ ރައްޔިތުން އެދިއެދި ތިބި ކަމެއް ކަމަށެވެ. އަދި މަޑިވަރު އެއާޕޯޓާއެކު ޅ. އަތޮޅުގެ ދަތުރުތައް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، މަޑިވަރު އެއާޕޯޓު ތަރައްގީކުރި ކުރެއްދޫ ހޯލްޑިންގެ ވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ވިސްނުމަކީ މަޑިވަރު އެއާޕޯޓު އިތުރަށް ތަރައްގީކޮށް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުން ކަމަށެވެ.
"..،މިއަދު މި އެއާޕޯޓު ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި އޮތް ނަމަވެސް އުއްޗުގެ ވިސްނުމަކީ އަޅުގަނޑާ މަޝްވަރާވެސް ކުރެވިފައި އެބައޮތް މިތަން ބޮޑުކޮށް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުން. އެކަމުގެ މަޝްވަރާތައް އެމްޓީސީސީއާ ކުރި ނަމަވެސް އެމްޓީސީސީގެ މަސައްކަތްތައް ގިނަކަމުން ކުޑަކޮށް ފަސްޖެހިފައި މިއޮތީ އެހެން ނޫންނަމަ މިއަދަކީ އެ މަސައްކަތް މިތަނުގައި (މަޑިވަރު އެއާޕޯޓުގައި) ފަށަން ނިންމާފައި އޮތް ދުވަސް،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ މިއަހަރުގެ ތެރޭގައި އިތުރު ދެ އެއާޕޯޓެއްގެ މަސައްކަތް ނިމޭނެ ކަމަށާއި އިތުރު ހަ އެއާޕޯޓެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މަޑިވަރު އެއާޕޯޓް ތަރައްގީކޮށްފައިވަނީ، ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއިންނެވެ. އެއާޕޯޓްގެ އަމަލީ މަސައްކަތްކުރީ ޗައިނާގެ ބީޔޫސީޖީންނެވެ.
އެ ކުންފުނިން މަޑިވަރު އެއާޕޯޓް އަޅާފައިވަނީ 11 މިލިއަން ޑޮލަރަށެވެ. މަޑިވަރު އެއާޕޯޓު ހިންގައި ބަލެހެއްޓާނީ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުންނެވެ.
މަޑިވަރު އެއާޕޯޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ރައީސް ސޯލިހަށް ވަނީ އެ އެއާޕޯޓަށް ކުރި ފުރަތަމަ ދަތުރުގެ ބޯޑިން ޕާސް އަރުވައިފައެވެ. އަދި ކުރެއްދޫ ހޯލްޑިންސްގެ ފަރާތުންވެސް ވަނީ ހަނދާނީ ފިލައެއް ރައީސަށް އަރުވައިފައެވެ.
މަޑިވަރު އެއާޕޯޓް މިއަދު ހުޅުވިއިރު، މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް މިމަހު މަޑިވަރު އެއާޕޯޓަށް ފެށުމަށް ވަނީ ނިންމައިފައެވެ. މަޑިވަރު އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
މަޑިވަރުގައި އެއާޕޯޓުގައި ވަނީ 1200 މީޓަރުގެ ރަންވޭއަކާއި، އެއާކްރާފްޓުތައް ޕާކު ކުރާނެ ސަރަހައްދަކާއި، ފަޔާ ބިލްޑިންއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓާމިނަލެެއް ތަރައްގީކޮށްފައެވެ. މީގެ އިތުރުން އެއާޕޯޓުގެ ޓާމިނަލް އިމާރާތާއި، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އެކަމަޑޭޝަން ބްލޮކުގެ މަސައްކަތް ނިންމައި، ގްރައުންޑު ހޭންޑްލިންއަށް ބޭނުންވާ ސާމާނު ގެންގޮސް ވަނީ ހަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު