ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޅ. މަޑިވަރު އެއާޕޯޓް މިއަދު ހުޅުވައިދެއްވައިފިއެވެ.

މަޑިވަރު އެއާޕޯޓް ރައީސް ސޯލިހު ހުޅުވައިދެއްވީ އެމަނިކުފާނު މިހާރު ޅ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަޑިވަރަށް ވަޑައިގެންނެވެ.

މަޑިވަރު އެއާޕޯޓް ތަރައްގީކޮށްފައިވަނީ ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއިންނެވެ. އެއާޕޯޓްގެ އަމަލީ މަސައްކަތްކުރީ ޗައިނާގެ ބީޔޫސީޖީންނެވެ.

އެ ކުންފުނިން މަޑިވަރު އެއާޕޯޓް އަޅާފައިވަނީ 11 މިލިއަން ޑޮލަރަށެވެ. މަޑިވަރު އެއާޕޯޓު ހިންގައި ބަލަހައްޓާނީ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުންނެވެ.

މަޑިވަރު އެއާޕޯޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ރައީސް ސޯލިހަށް ވަނީ އެ އެއާޕޯޓަށް ކުރި ފުރަތަމަ ދަތުރުގެ ބޯޑިން ޕާސް އަރުވައިފައެވެ. އަދި ކުރެއްދޫ ހޯލްޑިންސްގެ ފަރާތުންވެސް ވަނީ ހަނދާނީ ފިލައެއް ރައީސަށް އަރުވައިފައެވެ.

މަޑިވަރު އެއާޕޯޓް މިއަދު ހުޅުވިއިރު، މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް މަޑިވަރު އެއާޕޯޓަށް މިމަހު ފެށުމަށް ވަނީ ނިންމައިފައެވެ. މަޑިވަރު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

މަޑިވަރުގައި އެއާޕޯޓުގައި ވަނީ 1200 މީޓަރުގެ ރަންވޭއަކާއި އެއާކްރާފްޓުތައް ޕާކު ކުރާނެ ސަރަހައްދަކާއި ފަޔާ ބިލްޑިންއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓާމިނަލެއް ތަރައްގީކޮށްފައެވެ. މީގެ އިތުރުން އެއާޕޯޓުގެ ޓާމިނަލް އިމާރާތާއި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި އެކަމަޑޭޝަން ބްލޮކުގެ މަސައްކަތް ނިންމައި، ގްރައުންޑު ހޭންޑްލިންއަށް ބޭނުންވާ ސާމާނުވެސް ވަނީ ހަރުކޮށްފައެވެ.