ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލ. އަތޮޅަށް ކުރަމުންދާ އިންވެސްޓްމަންޓުތައް އިތުރަށް ފުޅާކުރުމުގެ ގޮތުން އެ އަތޮޅު މާމެންދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް މިއަދު ތައާރަފުކޮށްފިއެވެ.

ބީއެމްއެލުން ބުނީ، މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

މާމެންދޫގައި ގާއިމުކުރި އޭޓީއެމް ސެންޓަރުގެ އިތުރުން މިވަގުތު ލ. އަތޮޅު ފޮނަދޫ އަދި ގަމުގައި އެ ބޭންކުގެ ބްރާންޗް އަދި ސެލްފް ސާވިސް ބޭންކިންގް ހިދުމަތް އަންނަނީ ދެމުންނެވެ. މީގެ އިތުރުން އެ އަތޮޅު މާވަށުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް ބޭންކުން ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.

މާމެންދޫގައި ގާއިމުކުރި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމުގެ ސްޓްރެޓަޖީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް އެ ބޭންކުން އިންވެސްޓް ކުރަމުންދާނެ ކަމަށެވެ.

އަދި މާމެންދޫގައި ހުޅުވި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި ބޭންކިން ހިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބީއެމްއެލް ބޭންކިން ވިއުގަޔަކާއެކު އެ ބޭންކުން ދަނީ 20 އަތޮޅެއްގައި 35 ބްރާންޗް، 78 ސެލްފްސާވިސް ބޭންކިން ސެންޓަރު، 136 އޭޓީއެމް، 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ހިދުމަތް ދެމުންނެވެ.