ށ. ނޫމަރާގެ ފަރަށް 2019 ގައި ބާޖެއް އަރައި ލިބުނު ގެއްލުމަށް ކުރި ޖޫރިމަނާގެ ގޮތުގައި 61.6 މިލިއަން ރުފިޔާ ދައްކައިފިއެވެ.
އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "ވަން" އަށް މިއަދު ވިދާޅުވީ ނޫމަރާ ފަރަށް އެރި "މެރިން ޕަވާ- 2317" ބޯޓުގެ ވެރިފަރާތުން މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ޖޫރިމަނާ ފައިސާ ދައްކައިފައިވާ ކަމަށާއި އެ ފައިސާ ދެއްކީ މީގެ ތިން ދުވަސް ކުރިން ކަމަށެވެ.
އެ ބާޖަކީ ނޫމަރާގެ ބަނދަރު ހެދުމަށް ގެންދިޔަ ބާޖެކެވެ. އެ ބާޖު އުރުނީ ނޫމަރާގެ ނެރުމައްޗާ ދިމާލު ފަރަށެވެ.
އީޕީއޭއިން އެއިރު ބުނީ އެ ބާޖު ފުންކޮށް އެ ސަރަހައްދަށް ފެތިފައި އޮތް ބާޖުގެ ބައިތައް ނަގައި ނިމުމުން އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް ހެދި ސާވޭއިން 1632 އަކަމީޓަރުގެ ސަރަހައްދަކީ ސީދާ ގޮތެއްގައި ބާޖު ފަރަށް އެރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.
ގެއްލުމުގެ ޖޫރިމަނާއެއްގެ ގޮތުން 61.6 މިލިއަން ރުފިޔާއިން ބާޖުގެ ވެރިފަރާތް ޖޫރިމަނާކޮށް އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ބާޖުގެ ރާއްޖޭގެ އެޖެންޓް، ރޮހޮޕް ޕްރައިވެޓް ލިމިޓެޑަށް އީޕީއޭއިން އެންގީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.
ނޫމަރާ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 61.6 މިލުއަން ރުފިޔާ ދައްކާފައިވާއިރު، ރަސްފަރީ ފަރަށް ބޯޓެއް އަރައި ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް މިިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި 154 މިލިއަން ރުފިޔާ ވަނީ ދައްކައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު