ހުޅުމާލޭ ވޯޓާސް އެޖުގައި މެރީ ބްރައުންގެ އައުޓްލެޓެއް ހުޅުވައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އައުޓްލެޓް ހުޅުއްވައިދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. މިއީ ވޯޓާސް އެޖުގައި ހުޅުވި ފުރަތަމަ އައުޓްލެޓެވެ.

މޭރީ ބްރައުން ހުޅުމާލެ އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޑަކުދިންގެ މޫނުގައި ކުރެހުމާއި ލައިވް މިޔުޒިކާއި ބޮޑުބެރުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ރޮބޯމޭންގެ ހަރަކާތްތައްވެސް ކުރިއަށްގެންގޮސްފައިވެއެވެ.

ފެރީ ޓާމިނަލާ އިންވެގެން ހުންނަ ފްލެޓުތައް ކުރިމައްޗަށް ވާގޮތަށް ޖަވާހިރުމާ ހިނގުމުގައި ހުންނަ ވޯޓާސް އެޖަކީ ހުރަވަޅި ބީޗު ރިސޯޓް އިންވެސްޓްމެންޓުން ހަދާފައިވާ ވޯޓާ ފްރަންޓް ކޮމާޝަލް ކޮމްޕްލެކްސްއެކެވެ.

މޭރީ ބްރައުން ހިންގާ ލިލީ އިންޓަނޭޝަނަލް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު "ވަން" އަށް މިރޭ ވިދާޅުވީ، ހުޅުމާލޭގައި ހުޅުވި އައުޓްލެޓަކީ 210 މީހުންގެ ޖާގައިގެ ތަނެއް ކަމަށެވެ. އަދި އައުޓްލެޓް ހުޅުވުމާއެކު ބައެއް އައިޓަމްތައް ހިލޭ ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހީކުރި ވަރަށް ވުރެވެސް ބޮޑު ތަރުހީބެއް ލިބުނު. އަޅުގަނޑުމެންވާނެ އައިސް ކްރީމާއި ޗިކަން ނަގްމެޓްސް އާއި ޕޮޓޭޓޯ ޗިޕްސް ކަސްޓަމަރުންނަށް ހިލޭ ދީފައި،" އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ، ހުޅުމާލޭގައި މޭރީބްރައުންގެ އައުޓްލެޓް ހުންނަ ސަރަހައްދަކީ ހިތްފަސޭހަ މާހައުލެއް ކަމަށާއި އާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށްވެސް ރަނގަޅު ސަރަހައްދެއް ކަމަށެވެ.

އާމިރު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވޯޓާސް އެޖްގައި ޕިއްޒާ މިއާ އަދި ކޮފީ ރިޕަބްލިކްގެ އައުޓްލެޓެއްވެސް ހުޅުވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޕިއްޒާ މިއާގެ އައުޓްލެޓް އަންނަ މަހު ހުޅުވާ އިރު، ކޮފީ ރިޕަބްލިކްގެ އައުޓްލެޓް ހުޅުވާނީ އޭޕްރީލްގައި ކަމަށް ވިދާޅުވިއެވެ.