ދެހާސް ބާރަ ވަނަ އަހަރު ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ ޗެއާމަނެއްގެ މަގާމުގައި ހުރެގެން މުހައްމަދު އިމްތިޔާޒް ހިންގި ކަމަށް ތުހުމަތުކުރެވޭ، 1.5 މިލިއަން ރުފިޔާގެ ހިޔާނާތުގެ ކުށް އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

އިމްތިޔާޒުގެ މައްޗަށް ދައުވާ ހުށަހަޅަމުން ދައުލަތުން ވިދާޅުވެފައިވަނީ އިމްތިޔާޒު ފެލިވަރުގެ ޗެއާމަންގެ މަގާމުގައި ހުރެގެން، އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އިންވެސްޓްމަންޓެއް ކަމަށްވާ، އޭ.އެން.ޔޫ ފްރެޝްފާމް (އަނޫފްރެޝް ފާމް) އަށް، ފެލިވަރުން ކްރެޑިޓަށް 1،535،060 ރުފިޔާގެ އަގުހުރި 2000 މަސްދަޅު ކޭސް އާދަޔާހިލާފު ކުޑައަގެއްގައި ދޫކޮށްފައިވާ ކަމަށެވެ. އިމްތިޔާޒުގެ އެ އަމަލުގެ ސަބަބުން 1,235,060 ރުފިޔާ ދައުލަތައް ގެއްލިފައިވާތީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ އާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކުރާ ކަމަށެވެ.

އެ ދައުވާއަށް ޖަވާބުދާރީވަމުން އިމްތިޔާޒް ބުނެފައިވަނީ، ދައުވާ ސާފު ނުވާ ކަމަށާއި އަނޫފްރެސް ފާމްއަކީ އޭނާގެ ފިހާރައެއް ނޫން ކަމަށެވެ. އަދި ދައުވާގައި ބުނެފައިވާ ފައިސާއަކީ އޭނާ ދައްކަން ޖެހޭ ފައިސާކަމަށް ވަނީ އިންކާރުކޮށްފައެވެ. އެ ފައިސާ ދައްކަން ޖެހޭކަމަށް އިންކާރުކުރީ އަނޫފްރެޝްއަށް މަސްދަޅު ދޫކޮށްފައިވާކަން ނޭނގޭތީކަމަށް އިމްތިޔާޒު ބުންޏެވެ. އަދި ބުނީ ދައުވާގައި ބުނާ އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށާއި އެއީ އެ ފައިސާއަކީ އޭނާއަށް ލިބިފައިވާ ފައިސާއެއް ނޫން ކަމަށްވުމުން ކަމަށެވެ.

ދައުވާއަށް އިމްތިޔާޒު އިންކާރު ކުރުމުން ދައުލަތުން ވަނީ 16 ހެއްކެއް ހުށަހަޅައިފައެވެ. އެއީ ފެލިވަރުގެ ބިލިން ރިސީޕްޓު ތަކާއި އެ ކުންފުނީގެ މުވައްޒަފުންގެ ބަޔާންތަކެވެ. އިމްތިޔާޒުގެ ފަރާތުން ވަނީ ދިފާއުގައި ތިން ހެއްކެއް ހުށަހަޅައިފައެވެ. އެއީ ސިވިލް ކޯޓުގެ ގަޒިއްޔާގެ ނިމުނުގެ ގޮތުގެ ރިޕޯޓާއި ދެ ޝަފަވީ ހެކިވެރިންނެވެ.

ދައުލަތުގެ ފަރާތުން ހުށަހެޅި ހުރިހާ ޝަފަވީ ހެކިވެރިން ހެކިބަސް އަދާކުރަމުން ބުނެފައިވަނީ އަނޫފްރެޝް ފިހާރައަށް ކްރެޑިޓަށް މަސްދަޅު ކޭސްތަކެއް ދޫކޮށްފައިވާ ކަމަށެވެ.

އިމްތިޔާޒުގެ ފަރާތުން ހުށަހެޅި ޝަފަވީ ހެއްކެއް ކަމަށްވާ މުހައްމަދު ސިރާޖު ބުނެފައިވަނީ އިމްތިޔާޒު އަކީ އޭނާގެ އާއިލާ މީހެއް ކަމަށާއި އިމްތިޔާޒު ހިންގާ އަނޫފްރެޝް އާއި އަނޫ ކެފޭއަށް ގޮސްހަދާ ކަމަށެވެ. ނަމަވެސް އެތަނުން މުދާ ގަތުމަށް އަމަލުކުރާ ގޮތް ނޭނގޭ ކަމަށްވިޔަސް ފެލިވަރުން މުދާ ގެނެފައިނުވާ ކަމަށެވެ. އެކަން އެނގެނީ ކޮންމެ ދުވަހަކު އެ ފިހާރައަށް ދާތީކަމަށް ސިރާޖު ބުންޏެވެ.

ދެ ފަރާތުގެ ހެކި ބަސް އަޑުއެހުމަށްފަހު ކުރިމިނަލް ކޯޓުން ހުކުމްކުރީ އިމްތިޔާޒުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. އެގޮތަށް ހުކުމްކުރީ ދައުލަތުން ހުށަހެޅި ހެކިބަހުން އަނޫފްރެޝްއަށް ކްރެޑިޓަށް މަސްދަޅު ދޫކުރިކަން ސާބިތުކުރެވުނަސް އެ ފިހާރަޔާ އިމްތިޔާޒުއާ ގުޅުންހުރިކަން ސާބިތު ނުވާތީއެވެ. އަދި މަސްދަޅު ދޫކުރުމުގައި އިމްތިޔާޒު މުއާމަލާތް ކުރިކަން ވެސް ސާބިތު ނުވާތީއެވެ.

އިމްތިޔާޒްގެ ނަމުގައި ކުރިން ވިޔަފާރިއެއް ރަޖިސްޓަރީ ކޮށްފައި އޮތަސް 2008 ގައި އެ ވިޔަފާރީގެ ރަޖިސްޓަރީ ބާތިލު ވެފައިވާ ކަމަށާއި އޭގެ ފަހުން އެ ނަމުގައި އެއްވެސް ވިޔަފާރިއެއް ރަޖިސްޓަރީ ކޮށްފައި ނެތް ކަމަށް ހުކުމުގައި ބުންޏެވެ. އަދި އޭގެ ފަހުން އެ ކުންފުނީގެ ނަމުގައި ފެލިވަރާއެކު ކުރި މުއާމަލާތްތަކުގައި އިމްތިޔާޒާ އެއްވެސް ގުޅުމެއް އޮތްކަމުގެ ހެއްކެއް ދައުލަތަށް ނުދެއްކޭ ކަމަށެވެ.

ހުކުމުގައި އިތުރަށް ވަނީ ދައުލަތުން ހުށަހެޅި ހެކިންގެ ބަހަށް ބަލާއިރު ވެސް، މަސްދަޅު ކްރެޑިޓަށް ދޫކުރުމުގެ މުއާމަލާތުން އިމްތިޔާޒަށް ފައިދާއެއް ލިބުނު ކަން ސާބިތުވާ ހެއްކެއްވެސް ނެތް ކަމަށެވެ.

މި މައްސަލަ ބެއްލެވީ ގާޒީ އަލީ އާދަމްއެވެ.