އިންޓަނެޓް ސްޕީޑް އަވަސްކުރުމަށް ސްޕޭސް އެކްސް ކުންފުނިން ޖައްވަށް ފޮނުވާފައިވާ ސްޓާލިންކް ސެޓެލައިޓްތައް މެދުވެރިކޮށް ރާއްޖެއަށް އިންޓަނެޓްގެ ހިދުމަތް ދިނުމާ ބެހޭގޮތުން ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އާއި ސްޕޭސް އެކްސް ކުންފުނިން މިއަދު މަޝްވަރާކުރައްވައިފިއެވެ.

ޓެކްނޮލޮޖީ މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނީ އެ ހިދުމަތް ފޯރުކޮށް ދިނުމާ ބެހޭގޮތުން މިނިސްޓަރު ޝައުނާ އާއި ސްޓާލިންކްގެ މާކެޓް އެކްސެސް ޑައިރެކްޓާ ރަޔާން ގުޑްނައިޓާއެކު މިއަދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އެމެރިކާގެ މަހުޖަން އިލޮން މަސްކްގެ ސްޕޭސް އެކްސް ކުންފުނިން ސެޓެލައިޓް މެދުވެރިކޮށް ހައި ސްޕީޑް އިންޓަނެޓް ދުނިޔޭގެ އެކި ގައުމުތަކަށް ދަނީ ފޯރުކޮށްދެމުންނެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ފެށި ސްޓާލިންކް ސެޓްލައިޓް ޕްރޮޖެކްޓަކީ ލޯ ލެޓެންސީ އިންޓަނެޓްގެ ސްޕީޑުގެ އަވަސްކުރަން ސްޕޭސްއެކްސް އިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިއީ ސެޓެލައިޓް ނެޓްވޯކެއްގެ ތެރެއިން ސީދާ އިންޓަނެޓް ފޯރު ކޮށްދޭ ގޮތަށް އުފައްދާފައިވާ ޓެކްނޮލޮޖީއެކެވެ. މިހާތަނަށް ސްޕޭސް އެކްސްއިން 1800 އަށް ވުރެ ގިނަ ސެޓެލައިޓް ޖައްވަށް ވަނީ ފޮނުވާލައިފައެވެ.

ޓެކްނޮލޮޖީ މިނިސްޓްރީން ސްޓާލިންކުގެ މާކެޓިން ޑިރެކްޓާއަށް ބައްދަލުކޮށްފައި މިވަނީ ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ރާއްޖެއަށް ސްޓާލިންކު ތައާރަފުކުރަން ގޮވާލާފައި ވަނިކޮށެވެ. މިނިސްޓަރު ޝައުނާ ވަނީ މި ސަރަހައްދަށް ސްޓާލިންކްގެ ހިދުމަތް ލިބެން ފެށުމުން އެހިދުމަތް ރާއްޖޭގައި މަނާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް މީގެ ކުރިން ވިދާޅުވެފައިވެއެވެ.