ރާއްޖެ އެތެރެކުރި ދޫނިތަކެއް އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން މަރާލައިފައިވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު ނަސްރުﷲ ހުސައިން "ވަން"އަށް މިރޭ ވިދާޅުވީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން އެ ދޫނިތައް ނައްތާލާފައިވާ ކަމަށެވެ.
އެ ދޫނިތައް މަރާލާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގައެވެ.
ނަސްރު ވިދާޅުވީ، ދޫނިތައް މަރާލާފައިވަނީ އެ ދޫނިތަކަކީ ރާއްޖެ އެތެރެކުރުމުގެ ހުއްދަ ލިބިފައިވާ ދޫނިތަކުގެ ލިސްޓުގައި ހިމެނޭ ދޫނިތަކަކަށް ނުވާތީ ކަމަށެވެ. އަދި ދޫނިތައް ނައްތާލީ އެ ދޫނިތައް އެެތެރެކުރި "ޕެޓް މާސްޓާ"އަށް އެ ދޫނިތައް ރީ-އެކްސްޕޯޓް ކުރުމުގެ ފުރުސަތު ދިނުމަށް ފަހު އެކަންވެސް ނުކުރުމުން ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށެވެ.
"ހަތަރު ވަރަކަށް މަސް ދުވަސްވަންދެން އަޅުގަނޑުމެންގެ ކަރަންޓީން ފެސިލިޓީގައި ބައިތިއްބާފައި މި ދޫނިތައް މި މަރާލީ. މިއީ އާންމު އުސޫލުގެ ދަށުން އަޅުގަނޑުމެން ކުރާ ކަމެއް،" ނަސްރު ވިދާޅުވިއެވެ.
ދޫނިތަކުގެ މައްސަލައިގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ކޮމިޔުނިކޭޝަން ޑިރެކްޓަރު، ހުސައިން ހަސަން "ވަން" އަށް މިރޭ ވިދާޅުވީ، ގަވާއިދާ ހިލާފަށް ދޫންޏެއް އެތެރެކުރެވޭ ހާލަތްތަކުގައި އެ ދޫންޏެއް ނައްތާނުލައި އެ ދޫންޏެއް އެތެރެކުރި ގައުމަކަށް ފޮނުވާލުމުގެ ފުރުސަތު ދެވޭކަން ރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައި ބުނެފައިވާ ކަމަށާއި ނަމަވެސް އެ ދޫނިތައް އަނބުރާ ގައުމަށް ފޮނުވާލާފައި ނުވާ ކަމަށެވެ. ގަވާއިދުގައިވާ ގޮތުން ދޫނިތައް ފޮނުވުމުގެ ހަރަދު ކުރަން ޖެހެނީ އެތަކެތި އެތެރެކުރި ފަރާތަކުން ކަމަށްވެސް ހުސައިން ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ، އޭޖީން ލަފާ ދީފައިވާނީ ގާނޫނުގައިވާ ގޮތަށް ދޫނިތަކާ މެދު އަމަލުކުރުމަށް ކަމަށެވެ.
ރާއްޖެއަށް އެތެރެކުރެވޭ ދޫނީގެ ގަވާއިދުގައިވާ ގޮތުން، ރާއްޖެއަށް އެެތެރެކުރުން މަނާ ބާވަތެއްގެ ދޫންޏެއް އެތެރެކޮށްފި ނަމަ ޕްލާންޓް އެންޑް އެނިމަލް ކޮރަންޓީން ސާވިސަސްއިން ކޮންފިސްޓޭޓްކޮށް ދޫނި ނައްތާލެވެއެވެ. އަދި ދޫނި އަނބުރާ ގައުމަށް ފޮނުވާލެވެން ވެސް އޮވެއެވެ. ދޫނި ފޮނުވައިލުމުގެ ހަރަދުތައް ކުރަން ޖެހޭނީ އެ ދޫންޏެއް އެތެރެކުރި ފަރާތުން ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
ދޫނިތައް މަރާލުމާ ގުޅިގެން އެ ދޫނިތައް އެތެރެކުރި ޕެޓް މާސްޓާގެ މެނޭޖަރު ހުސައިން އާތިފަށް "ވަން" އިން މިރޭ ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ޕެޓް މާސްޓާގެ ބަހެއް މިކަމުގައި ވަނީ ލިބޭ ގޮތް ނުވެފައެވެ.
އެނގިފައިވާ ގޮތުގައި މަރާލާފައިވަނީ 120 ދޫންޏެވެ. އެ ދޫނިތަކުގެ އަގު 800،000 ރުފިޔާއަށް އަރައެވެ.
ޚަބަރު
ޚަބަރު
ޚަބަރު