ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގް ޑައިރެކްޓަރުގެ މަގާމަށް ހަސަން ކަލާމް ހަމަޖައްސައިފިއެވެ.

ކަލާމް އަކީ ފައިނޭންޝަލް ސާވިސަސް އަދި ބޭންކިންގް އިންޑަސްޓްރީ ގައި 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ލައިސެންސްޑް ޝަރީއާ އެޑްވައިޒަރެކެވެ.

ކަލާމް ބީއެމްއެލްއާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރު އެވެ. އެއަށްފަހު އިސްލާމިކް ބޭންކިންގް ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކަލާމް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެންމެ ފަހުން ކަލާމް ހުންނެވީ ބީއެމްއެލްގެ އިސްލާމިކްގެ އިންޓެރިމް އިންޗާރޖް ގެ މަގާމުގައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓާ ޓިމް ސޯޔަރ ވަނީ ޑިރެކްޓާ އޮފް އިސްލާމިކް ބޭންކިންގެ ގޮތުގައި ކަލާމް ބޭންކުގެ އެގްޒެކްޓިވް ޓީމާ ގުޅިވަޑައިގެންނެވުމުން މަރުހަބާ ދަންނަވައިފައެވެ.

ޓިމް ވިދާޅުވީ ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށް އިސްލާމިކް ބޭންކިންގެ ހިދުމަތް އިތުރަށް ފުޅާކުރާއިރު، އިސްލާމިކް ބޭންކިން އާ ގުޅޭ ގޮތުން ކަލާމަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ކަސްޓަމަރުން ބޭނުންވާފަދަ ރަނގަޅު ބަދަލުތަކެއް ކަލާމް ގެނެސްދެއްވާނެކަމާމެދު ފުރިހަމަ އިތުރުބާރު އެބައޮތް ކަމަށެވެ. އަދި ބޭންކުގެ އާ މަގާމާ ކުރިމަތިލާއިރު ކަލާމް އަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޓިމް ވިދާޅުވިއެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުން އަންނަ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. އެ ބޭންކުން އަންނަނީ ވަޒީފާ ދިނުމާއި ތަމްރީނުކުރުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި އަމަލުކުރަމުންނެވެ.