އައިޖީއެމްއެޗްގެ ޕޭޝަންޓް ޕޯޓަލްގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ އެޕޮއިންޓްމަންޓާއި ޑޮކްޓަރުންގެ ޑިއުޓީ އާއި ޓެސްޓްތަކުގެ ރިޕޯޓްތައް ބަލައިލެވޭ ޕޭޝަންޓް ޕޯޓަލަށް ކުރިމަތިވި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން އެ ޕޯޓަލްގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑައިލާފައިވާ ކަމަށެވެ.

ޕޭޝަންޓް ޕޯޓަލަށް ދިމާވި މައްސަލަ ހައްލުކުރަން ފަށާފައިވާ ކަމަށާއި މައްސަލަ ހައްލުވިހާ އަވަހަކަށް އެ ޕޯޓަލް މެދުވެރިކޮށް ހިދުމަތް ހޯދޭނެ އައިޖީއެމްއެޗުން ވަނީ ބުނެފައެވެ. ޕޭޝަންޓް ޕޯޓަލަށް ދިމާވި މައްސަލަ ހައްލުކުރެވޭނީ ކޮން އިރަކުން ކަމެއް އައިޖީއެމްއެޗުން ހާމައެއް ނުކުރެއެވެ.

ޕޭޝަންޓް ޕޯޓަލް މެދުވެރިކޮށް އައިޖީއެމްއެޗުގެ މުހިންމު ހިދުމަތްތަކެއް އޮންލައިންކޮށް ލިބެން ހުރެއެވެ. އެގޮތުން ޓެސްޓްތަކުގެ ނަތީޖާ ހޯދަން ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި އެ ޕޯޓަލުން ނަތީޖާތައް ބަލައިލެވެއެވެ.

އައިޖީއެމްއެޗް ޕޭޝަންޓް ޕޯޓަލްގެ ހިދުމަތް ސަލާމަތީ ސަބަބުތަކަކާ ގުޅިގެން މެދުކަނޑައިލި އިރު، އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކި މީހުންގެ ރެކޯޑްތަކެއް ލީކްވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.