ހއ ފިއްލަދޫ ސްކޫލުގެ ޕްރިންސިޕަލަކު ނެތި ތިން އަހަރު ވެފައިވާތީ ބެލެނިވެރިން ނުކުމެ ސުކޫލުގައި ތަޅު އަޅުވައި މިއަދު މުޒާހަރާ ކޮށްފިއެވެ.

ފިއްލަދޫ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ރަޒީފު "ވަން" އަށް މިއަދު ވިދާޅުވީ، ބެލެނެވެރިންގެ ޝަކުވާއަކީ އެ ރަށު ސްކޫލަށް ޕްރިންސިޕަލަކު ހަމަނުޖެހި ގިނަ އަހަރު ތަކެއް ފާއިތުވެފައި ވާތީ ކަމަށާއި ނަމަވެސް ފާއިތުވި ޑިސެމްބަރު މަހުވެސް އެ މަގާމަށް ދެ ބޭފުޅަކާ އިންޓަވިއު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އެ މަގާމަށް ބޭފުޅަކު އައްޔަން ނުކުރެވި ލަސްވަނީ ސިވިލް ސާވިސްގެ ފަރާތުން ނިންމަން ޖެހޭ ބައެއް ކަންތައް ނުނިމޭތީ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ރަޒީފު ވިދާޅުވިއެވެ.

ރަޒީފު ވިދާޅުވީ ޕްރިންސިޕަލަކު ނެތި އަހަރުތަކެއް ފާއިތުވެފައިވާއިރު، މީގެ ކުރިންވެސް އެ ރަށު ސްކޫލަށް ޕްރިންސިޕަލަކު ހޯދަން ކުރި އިއުލާނަށް ދިވެއްސަކު ކުރިމަތިލާފައި ނުވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ކުރިންވެސް އިއުލާނު ކުރި، 8 ވަނަ މަހު. އޮގަސްޓު މަހު އިއުލާނު ކުރި އިރު އެއްވެސް (ދިވެހި) ބޭފުޅަކު ކުރިމައްޗެއް ނުލާ. ދެން އަނެއްކާވެސް އިއުލާނު ކޮށްގެން އިންޓަވިއު އޮތީ ޑިސެމްބަރު 11 ވަނަ ދުވަހު. އަދިވެސް ސިވިލް ސާވިސް އިން ނިންމަން ޖެހޭ ބައެއް އިޖުރާއަތްތައް ނުނިމޭތީ ލަސްވާކަމަށް މިނިސްޓްރީން އަޅުގަނޑުމެންނަށް މިއަދު ހެދުނު މައުލޫމާތު ދިނީ" ރަޒީފު ވިދާޅުވިއެވެ.

ރަޒީފު ވިދާޅުވީ ބެލެނިވެރިން ނުކުމެ ސްކޫލުގައި ތަޅުވެސް އެޅުވި ކަމަށާއި، އެ އަތޮޅު ދިއްދޫ އިން ފުލުހުން އައިސް ބެލެނިވެރިން އެޅުވި ތަޅު ނައްޓާލައި ސްކޫލް މިހާރު ހުޅުވާފައިވާ ކަމަށެވެ. ނަމަވެސް މިހާރު ބެލެނިވެރިން ވެގެން ދަރިވަރުން ގެއަށް ފޮނުވާލާފައިވާ ކަމަށްވެސް ރަޒީފު ވިދާޅުވިއެވެ.

ފިއްލަދޫ ސްކޫލަކީ އާބާދީގައި 138 ވަރަކަށް ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުކެވެ. ސްކޫލުގައި ޕްރިންސިޕަލަކު ނެތި އެހާ ދިގު މުއްދަތެއް ފާއިތުވެ ގޮސްފައިވަނީ ކީއްވެތޯ ބެލުމަށް އެޑިއުކޭޝަނަށް ގުޅުމުން، ސްކޫލު މިހާރު ހުޅުވާފައިވާ ކަމަށް މިނިސްޓްރީގެ އޮފިޝަލަކު ވަނީ "ވަން" އަށް ވިދާޅުވެފައެވެ. ނަމަވެސް އިތުރު މައުލޫމާތު ޗެކް ކުރުމަށް ފަހު އަޕްޑޭޓެއް ފަހުން ދެއްވާނެ ކަމަށް ވިދާޅުވެ ފަހުން ފޯނަށް ޖަވާބު ނުދެއްވާތީ ސާފުވާގޮތެއް ވަނީ ނުވެފައެވެ.