އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ސެމީ ފައިނަލް ފުރަތަމަ ޖާގަ، މުބާރާތް ބާއްވާ ގައުމު ކެމަރޫނުން ހޯދައިފިއެވެ.
މީގެ ކުރިން ފަސް ފަހަރު އެފްކޯން ކާމިޔާބު ކޮށްފައިވާ ކެމަރޫނުން ސެމީ ފައިނަލް ޖާގަ ޔަގީން ކުރީ މިރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި 2-0 ގެ ނަތީޖާއަކުން ގެމްބިއާ ބަލިކޮށްގެންނެވެ. ފޯމު ރަނގަޅުކޮށް މެޗަށް ނުކުތް ކެމަރޫން ތަފާތު މޮޅުކޮށް ފެނުނު އިރު، މެޗުގައި ދެ ގޯލު ޖެހީ ލިއޯންގެ ފޯވަޑު ކާލް ޓޯކޯ އެކާމްބީއެވެ. މިރޭގެ މެޗުގައި ޖެހި ދެ ގޯލާއެކު އެކާމްބީ ވަނީ މުބާރާތުގައި ފަސް ގޯލު ހަމަ ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައިވެސް ކެމަރޫން ފެނުނީ ނުރައްކާ ކޮށެވެ. އެޓޭކް ކޮށްގެން ވަރުގަދައަށް ކުޅުނު ކެމަރޫނުން ކުރިއަށް ޖެހި ކުޅުނު އިރު، ގެމްބިއާ ބެލީ ޑިފެންސް ކުރުމަށެވެ. ގެމްބިއާއިން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނު ނަމަވެސް ކެމަރޫނުން ހަމަލާތައް އުފެއްދިއެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައިވެސް ގޯލު ޖަހައި، ޖުމްލަ ހަ ގޯލު ޖަހައިފައިވާ ވިންސެންޓް އަބޫބަކާރު ދެ ހަމަލާއެއް ފުރަތަމަ ހާފުގައި ފެނުނު އިރު، އޭނާ ބޮލުން ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށްވެސް އަމާޒުވިއެވެ.
އޭގެ އިތުރުންވެސް ކެމަރޫންގެ ދެ ހަމަލާއެއް ފެނުނު އިރު، ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ އެކާމްބީ ގޯލު ޖަހައިން ކެމަރޫނަށް ލީޑު ނަގައިދިނެވެ. އަރިމަތިން ނެގި ހުރަސް އޭރިއާ ތެރޭގައި ހުރެ އޭނާ ގޯލަށް ޖެހީ ބޮލުންނެވެ. އޭގެ އިރުކޮޅެއް ފަހުން އެކާމްބީ ދެވަނަ ގޯލު ޖަހައި އެފްކޯން ތާރީހުން ޖާގަ ހޯދިއެވެ.
އެކާމްބީ ވެފައިވަނީ އެފްކޯންގެ އެއް މުބާރާތެއްގައި ފަސް ގޯލު ހަމަކުރި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެއް މުބާރާތެއްގައި އެ އަދަދަށް ގޯލު ޖެހިފައި އޮތީ މިހާރު ކެމަރޫންގެ ކެޕްޓަން އަބޫބަކާރާއި އެގައުމުގެ ފުޓުބޯޅަ ލެޖެންޑް އަދި މިހާރު އެފްއޭގެ ރައީސް ސެމިއުލް އެޓޫއަށެވެ. އެޓޫ ވަނީ 2006 އަދި 2008 ވަނަ އަހަރު، ކޮންމެ މުބާރާތެއްގައި ފަސް ގޯލު ޖަހައިފައެވެ. މިފަހަރު މުބާރާތުގައި އަބޫބަކާރު ވަނީ އެޓޫ ދެމެހެއްޓި ރެކޯޑު މުގުރާލައިފިއެވެ.
އޭގެ ފަހުންވެސް ކެމަރޫނުން ފުލުފުލުގައި ހަމަލާތައް އުފެއްދި ނަމަވެސް ހުސް ފުރުސަތުތަކެއް ބޭކާރުވެ، އެޓީމަށް ތިންވަނަ ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. ކެމަރޫން އެންމެފަހުން ސެމީ ކުޅުނީ 2017 ވަނަ އަހަރުއެވެ. އެ މުބާރާތް ކެމަރޫނުން ކާމިޔާބުކުރިއެވެ.
ކެމަރޫނުން ސެމީގައި ދެކޮޅަށް ނުކުންނަން ޖެހޭ ޓީމު އެނގޭނީ މާދަމާ ރޭ މިސްރާއި މޮރޮކޯ ކުޅޭ ކުއާޓާ މެޗަށްފަހުއެވެ. އެފްކޯންގެ ކުއާޓާގައި މިރޭ އިތުރު މެޗެއް ކުޅޭނެއެވެ. މެޗުގައި ޓިއުނީޝިއާ ނުކުންނާނީ ބުރްކީނޯ ފާސޯއާ ދެކޮޅަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު