ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސައިދެއްވާފައިވާ ރަސްމީ ގެކޮޅު، "މުރައިދޫ" ތަޅާލަންޖެހޭ ކަމަށް ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވީ، ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ތާއީދު ހޯދުމުގެ ގޮތުން ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މަލީހު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރައީސް ސޯލިހަށް ކުރެއްވެވުނު ހަމައެކަނި ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގަނޑުވަރެއް ހަމަޖައްސަވައި ދެއްވުން ކަމަށެވެ.

މުރައިދޫގެ އަކީ ބޭކާރު ތަނެއް ކަމަށާއި އެތަނަށް ކުރާ ހަރަދަކީ ރައްޔިތުންގެ ފައިސާއިން ކުރާ ބޮޑު އިސްރާފެއް ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ "އެއީ އަޅުގަނޑުމެން ކުރަންޖެހޭ ހަރަދެއް ނޫން،" ކަމަށެވެ.

މަލީހު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި "މުރައިދޫ" ގެ ތަޅާލާނެ ކަމަށާއި ރައްޔިތުންގެ މާލިއްޔާއިން ޕީޕީއެމްއިން ބޭކާރުހަރަދު ނުކުރާނެ ކަމަށެވެ. އަދި އެފައިސާއިން ދިވެހި ރައްޔިތުންގެ ތަރައްގީ އާއި ކުރިމަގަށް ހަރަދު ކުރާނެ ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅުގެ ގޮތުގައި މުރައިދޫގެ ހަމަޖެއްސެވީ، ގާނޫނަށް ގެނައި ބަދަލަކާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސަން ނިންމައި ގާނޫނުތަކަށް އެ ބަދަލު ގެނައީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއަށްފަހުއެވެ.

އެގޮތުން މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ހާއްސަކޮށް ރަސްމީ ގެކޮޅު އިމާރާތް ކުރާނެ ދެ ބިމެއް ސަރުކާރުން ކަނޑައެޅިއެވެ. އަދި އެ ދެ ބޭފުޅުންނަށް މުވައްޒަފުންވެސް ހަމަޖައްސައިދީ، އެ މުވައްޒަފުންނާއި ތަނުގެ ހަރަދުވެސް ދައުލަތުން ބަލަހައްޓާ ގޮތަށް ވަނީ ހަދައިފައެވެ.

މަޖިލީހުގެ ރައީސަށް ހާއްސަކޮށް ދާއިމީ ރަސްމީ ގެކޮޅު އިމާރާތް ކުރަން ނިންމާފައި ވަނީ މިހާރު ސުޕްރީމް ކޯޓު ހިންގާ ތީމުގޭގެ ކުރިމަތީގައި އޮންނަ ހުސް ބިމެވެ. ނަމަވެސް އެ ބިމުގައި ގެކޮޅު ހަދަން ލަސްވާނެތީ ވަގުތީ ގެކޮޅެއްގެ ގޮތުގައި ނަޝީދަށް މުރައިދޫގެ ހަމަޖެއްސިއެވެ. އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ހަމަޖައްސާފައިވަނީ ރެހެންދި ފުލެޓުގެ އެޕާޓްމަންޓެކެވެ.