ކޮވިޑު-19 އާއި ގުޅިގެން ސެނަހިޔާގައި ހުންނަ ފްލޫ ކުލިނިކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށާއި ނަރުހުންނަށް ލިބޭން ޖެހޭ ފްރަންޓްލައިން އެލަވަންސް ނުލިބޭ ކަމަށް އެތަނުގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެފި އެވެ.
ކޮވިޑާ ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތައް ގިންތިކޮށް އެލަވަންސެއް ދޭން ސަރުކާރުން 2020 ވަނަ އަހަރު ނިންމި އެވެ. އެގޮތުން މިފަދަ އެލަވަންސެއް އެންމެ ފުރަތަމަ ދީފައިވަނީ 2020 ވަނަ އަހަރުގެ މެއި މަހުގަ އެވެ.
ގިންތިތައް ކަނޑައަޅާފައިވާއިރު ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ، މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާގެ މަގުން އެލަވަންސް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
އެހެން ނަމަވެސް މި އުސޫލާ އެއްގޮތަށް ގިނަ ތަންތަނުން އަމަލުކޮށްފައި ނުވާ ކަމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. ބައެއް ފަހަރު ސަރުކާރުގެ މައި ހޮސްޕިޓަލް ތެރޭގައިވެސް މިކަމާ ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަމުންދިޔަތަންވެސް ފެނުނެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އާ މިއަދު ވާހަކަ ދެއްކި ބައެއް ޑޮކްޓަރުން ވިދާޅުވީ އެމީހުން މަސައްކަތް ކުރަމުންދަނީ ސެނަހިޔާގައި ހުންނަ ފުލޫ ކުލިނިކުގައި ކަމަށެވެ. އަދި މިއީ ކޮވިޑާ ގުޅިގެން އެތާނގައި ގާއިމު ކުރި ފުލޫ ކުލިނިކެކެވެ.
އެއް ޑޮކްޓަރަކު ވިދާޅުވީ ކޮވިޑް އެލަވަންސްގެ ގޮތުގައި އެ މީހުންނަށް އެންމެ ފުރަތަމަވެސް އެލަވަންސެއް ލިބުނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އެފަހަރު އެންމެ މަތީން އެލަވަންސް ލިބުނު ޑޮކްޓަރަށްވެސް ލިބިފައިވަނީ ފަސް ހާހެއްހާ ރުފިޔާ ކަމަށެވެ. އަދި ބައެއް މީހުންނަށް ތިން ހާހާއި ދެހާސް ރުފިޔާވެސް ލިބިފައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް މިދިޔަ އެތައް މަހަކަށް ބަލާއިރު ލިބޭން ޖެހޭ އެތައް ހާސް ރުފިޔާއެއް ނުލިބި އެބަހުރި ކަމަށް ވިދާޅުވިއެވެ.
އެހެން ނަމަވެސް އޭނާ އާއެކު ކިޔަވައި އަދި އެހެން ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރި މީހުންނަށް 60،000 އިން މަތީންވެސް އެލަވަންސް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ރައްޓެހި އެހެން ޑޮކްޓާސް އެބަ ބުނޭ ހާދަ މަދުންނޭ ތި ލިބެނީ. ތިމަންނާމެންނަށް އެބަ ލިބެޔޭ އެންމެ ދަށްވެގެންވެސް ތިރީހަކަށް ހާސް 60،000 ހާއެއްހާ ރުފިޔާ. ދެން އަޅުގަނޑުމެން މެނޭޖްމަންޓާ ވާހަކަ ދެއްކީމަ ބުނީ އެއީ ލިބުނު ވަރޭ." ކަންބޮޑުވުންތައް ހިއްސާ ކުރަމުން އޭނާ ވިދާޅުވި އެވެ.
"ވަން" އާ ވާހަކަ ދެއްކި އެހެން ޑޮކްޓަރަކު ވިދާޅުވީ އެލަވަންސްތައް އިންސާފުން ނުލިބޭކަން ހާމަވެގެން ދިޔައީ ދެވަނަ ފަހަރު އެލަވަންސް ދިންއިރު އެންމެނަށް އެއްވަރަށް ލިބުމުން ކަމަށެވެ.
ދެވަނަ އެލަވަންސެއް ލިބުނީ 2021 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ކަމަށާއި އެފަހަރު އެންމެނަށްވެސް ލިބުނީ 6928.12 ރުފިޔާ ކަމަށެވެ.
"6928.12 ރުފިޔާ އެންމެނަށް މި ލިބުނީ. ދެން އެހިސާބުން އެނގިއްޖެ ގޯހެއް އުޅޭކަން. އެއްގޮތަކަށް ޗުއްޓީ ނުނަގައި މަސައްކަތުގެ އުޅުނު މީހުންނާއި ޗުއްޓީގަ ތިބި މީހުންނަށްވެސް އެއްވަރަކަށް މި ލިބުނީ. އޭރު މާބަނޑުވި ސިއްހީ އެހީތެރިން އެއްގޮތަކަށްވެސް ފުލޫ ކުލިނިކަށް ނުނެރޭ. އެކަމަކު އެކުދީންނަށްވެސް މި ލިބުނީ އެންމެ ހައި ރިސްކުކޮށް މަސައްކަތުގަ އުޅުނު މީހުންނަށްވެސް ލިބުނު ވަރު. އެޑްމިންގަ ތިބޭ ކުދިން އެއީ އެއްގޮތަކަށްވެސް ފުލޫ ކުލިނިކަށް އަންނަ މީހުން އަދި ބަލި މީހުންނާ މުއާމަލާތް ކުރަންޖެހޭ ބައެއް ނޫން. އެކަމަކު އެ ކުދީންނަށްވެސް ހަމަ މިވަރަށް އެލަވަންސް ލިބުނު." އޭނާ ވިދާޅުވި އެވެ.
މި ކަންބޮޑުވުންތަކާއެކު މެނޭޖުމަންޓަށް މައްސަލަ ހުށަހަޅަން ދިޔަ ކަމަށާއި މެނޭޖްމަންޓުން ދިނީ ވަރަށް ފަރުވާ ކުޑަ ޖަވާބެއް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އެގޮތުން އެލަވަންސްގެ ގޮތުގައި ލިބޭ ފައިސާ ހޮސްޕިޓަލްގެ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަޔަށް ބަހާލުން އެއީ މެނޭޖުމަންޓަށް ފެންނަ އެންމެ ރަނގަޅު ގޮތް ކަމަށް ބުނި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެހެންނަނަވެސް ހައި ރިސްކް ކެޓަގަރީގެ މީހުންނާ އެއްވަރަށް އެޑްމިން މުވައްޒަފުންނަށް އެލަވަންސް ދިނުމަކީ ހަމަހަމަކަމެއް ކަމަށްބުނެ މައްސަލަ ހުށަހެޅި ކަމަށާއި އެހެން ނަމަވެސް މިކަމަށް މިއަދާއި ހަމަޔަށް ވެސް އެދެވޭ ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑޮކްޓަރު ވިދާޅުވީ ކޮންމެ މަހަކުވެސް އެލަވަންސް ޝީޓު ފޮނުވާ ކަމަށާއި، އެލަވަންސްގެ ގޮތުގައި ލިބެންޖެހޭ އަދަދާ ގާތަށްވެސް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެލަވަންސް ދޭން ސަރުކާރުން ނިންމީ އެއްވެސް ފަރާތަކުން އެދިގެން ނޫން ކަމަށާއި، އެހެން ކަމުން މިކަން މިގޮތަށް ކުރުމުން މިކަމުގައި ހުރި އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށްވެސް ވިދާޅުވިއެވެ.
ޑޮކްޓަރު އިތުރަށް ވިދާޅުވީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމަޔަށް ލިބެން ޖެހޭ އެލަވަންސް ޑިސެމްބަރު މަހު ދޭނެ ކަމަށް ބުނި ނަމަވެސް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި ހެލްތު މިނިސްޓްރީން އެލަވަންސަށް ވާ ފައިސާ ނުދޭ ކަމަށް ސެނަހިޔާގެ މެނޭޖުމަންޓުން ބުނާ ކަމަށްވެސް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ފުލޫ ކުލިނިކުގައި މަސައްކަތް ނުކުރާނެ ކަމަށްބުނެ ޑޮކްޓަރުންތަކެއް ސޮއިކޮށް ޕެޓިޝަނެއްވެސް ހުށަހަޅާފައިވާ ކަމަށް އެ ޑޮކްޓަރު ވިދާޅުވި އެވެ. ލިބެން ޖެހޭ ހައްގު އެލަވަންސް ވީހާވެސް އަވަހަކަށް ދިނުމަށް މި ޕެޓިޝަނުގައިވެސް އެދިފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފުލޫ ކުލިނިކުގައި މަސައްކަތް ނުކުރާނެ ކަމަށް ބުނި ނަމަވެސް ކޮވިޑުގެ ހާލަތު ގޯސްވެފައިވާތީ އެއްވެސް ޑޮކްޓަރަކު މަސައްކަތް ނުކުރަން އަދި ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ސެނަހިޔާގެ މެނޭޖްމަންޓު ލެވެލްގެ އެކި އެކި ބޭފުޅުންނަށް "ވަން" އިން ގުޅުމުން ވިދާޅުވީ ސެނަހިޔާގެ ޑޮކްޓަރުންނާއި ނަރުހުންނަކީ ސިފްކޯގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ކަމަށާއި އޭގެ މައުލޫމާތު ސިފްކޯ އިން ސާފު ކުރުމަށެވެ. ސިފްކޯގެ އޮފިޝަލަކަށް "ވަން" އިން ގުޅުމުން ވިދާޅުވީ މުސާރައާއި އިނާޔަތްތަކާ ގުޅޭ ކަންކަމުގައި އެމްއެންޑީއެފާ ސުވާލު ކުރުމަށެވެ. އެމްއެންޑީއެފަށް ގުޅުމުން ވިދާޅުވީ މި މައުލޫމާތު ދެވޭނީ ޑިފެންސް މިނިސްޓްރީއަށް ރަސްމީކޮށް ލިޔުމަކުން ހުށަހެޅުމުން ކަމަށެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ އޮފިޝަލަކާ "ވަން"' އި ސުވާލުކުރުމުން ވިދާޅުވީ ބަލާފައި ޖަވާބެއް ދެއްވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެ އެވެ.
ކޮވިޑް އެލަވަންސަކީ މިބަލީން ރައްޔިތުން ސަލާމަތް ކުރުމަށް ޓަކައި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ދިނުމަށް ސަރުކާރުން ނިންމި އެލަވަންސެކެވެ. މި އެލަވަންސް ދޫކުރަނީ އެ މުވައްޒަފުން ކުރާ މަސައްކަތުގެ ތަފްސީލީ ރިޕޯޓު އެ މުއައްސަސާތަކުން ތައްޔާރުކޮށް ފޮނުވުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު