ރިސޯޓް ހަދަން ސްރީލަންކާގެ އެއިޓްކެން ސްޕެންސް އަށް ކުއްޔަށް ދީފައި އޮތް ނ. ރާފުށި އަނެއްކާވެސް ވިއްކާލަން އިއުލާނުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް އެ މިނިސްޓްރީން ކުއްޔަށްދޫކޮށްފައިވާ ނ. ރާފުށި ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ރަށް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް، އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން އެ ރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ މިއަދުން ފެށިގެން 14 ދުވަސް ތެރޭގައި ޓޫރިޒަމް މިނިސްޓްރީ އަށް ލިޔުމަކުން ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދި އާންމުކޮށް އިއުލާންކުރާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެއިޓްކެން ސްޕެންސް އިން 2019 ވަނަ އަހަރުވެސް ރާފުށި ވިއްކާލުމަށް އިއުލާނުކުރިއެވެ. އެފަހަރު އެރަށް ވިއްކާލަން ނިންމާފައިވަނީ 5.38 މިލިއަން ޑޮލަރަށެވެ. ނަމަވެސް މިފަހަރު ވިއްކާލަން ނިންމާފައިވަނީ ކިހާވަރަކަށް ކަމެއް ސާފެއް ނުވެއެވެ.

ސްރީލަންކާގެ ނޫހަކަށް 2019 ވަނަ އަހަރު އެކުންފުނިން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ، އެ ކުންފުނިން މިހާރު ބަލަނީ "އެސެޓް ލައިޓް ސްޓްރެޓްޖީ" އެއްގެ ދަށުން ކުރިއަށް ދާންކަމަށާއި އެހެންކަމުން ބިން ނަގައިގެން ރިސޯޓު ތަރައްގީކޮށް ހިންގުމުގެ ބަދަލުގައި ރިސޯޓުތައް މެނޭޖްކުރުމަށް އެކުންފުނިން ވިސްނާފައިވާ ކަމަށެވެ.

ރާފުށްޓަކީ 18.7 ހެކްޓަރުގެ ބިން އޮންނަ ރަށެކެވެ. އެރަށް ތަރައްގީ ކުރަން ހަވާލުކޮށްފައިވަނީ އެއިޓްކެން ސްޕެންސް ކުންފުނީގެ ސަބްސިޑައިރީ ކުންފުނި އޭސް ރިސޯޓްސް ޕްރައިވެޓް ލޓޑ އަށެވެ. 2015 ވަނަ އަހަރުގެ އޭޕްރިލްމަހުން ފެށިގެން ކުއްޔަށް ހިފާފައި އޮތް ރާފުށި ތިން އަހަރުގެ ތެރޭގައި މަސައްކަތް ނިންމައޮ 250 ކޮޓަރި ރިސޯޓުގައި ތަރައްގީކުރުމަށް އޭރު ހަމަޖެހިފައި އޮތް ނަމަވެސް މި ރަށުގައި އެއްވެސް މަސައްކަތެއް ކޮށްފައެއްނުވެއެވެ.