ސްޕޯޓްސް ކޯޕަރޭޝަން އަކީ 2015 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު ތަސްދީގު ކުރެއްވި، "ދިވެހި ރާއްޖޭގެ ކުޅިވަރުގެ ގާނޫނު" ގެ 23 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކުންފުންޏެކެވެ.

މިއީ ސަތޭކަ ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

އެ ކުންފުނީގެ މަގުސަދެއްގެ ގޮތުގައި ހިމެނެނީ، ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި ސްޕޯޓްސް ޗެނަލެއް އުފެއްދުމުގެ އިތުރުން ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަން ތަކަށް މުދަލުގެ ބޭނުން ހިފުމުގެ މަގުފަހިކޮށްދީ އެނޫން ފަރާތްތަކަށް އެ މުދަލުން ވިޔަފާރި އުސޫލުން މަންފާ ހޯދައިދިނުމެވެ. އަދި ކުޅިވަރުގެ ދާއިރާ ތަރައްގީކޮށް ޒުވާނުންނަށް ހިތްވަރުދިނުމާއި، އެކަމަށް ފުރުސަތުތައް ފަހިކޮށްދީ، ކުޅުންތެރިންގެ ގާބިލުކަން ކުރިއަރާނެ ޕްރޮގްރާމްތައް ރާވައި ހިންގުމުގެ އިތުރުން ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ކުރިއަރުވައި އެ ފަރާތްތަކަށް ތަމްރީނު ކުރުމަށް މަގުފަހިކޮށްދިނުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ފަހަކަށް އައިސް އެ ކޯޕަރޭޝަންގެ އަޑު ގަދަވެފައިވަނީ، އެއީ ބޭނުން ނެތް، ސަރުކާރަށް ގެއްލުންވާ، އަދި އުވާލަންޖެހިފައިވާ ކުންފުންޏެއްގެ ގޮތުގައެވެ. މިހާތަނަށް އެންމެ ބޮޑަށް އެވާހަކަ ދެއްކެވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފެވެ. މަހުލޫފު ވަނީ ބޮޑެތި ތުހުމަތުތަކެއް އެ ކުންފީގެ މައްޗަށް ކުރައްވައި އެ ކުންފުނި އުވާލުމަށް ގޮވައިލައްވައިފައެވެ.

މިނިސްޓަރު ކުރެއްވި ތުހުމަތު ތަކުގެ ތެރޭގައި، 67 ރަށަށް ބޭނުންވާ އައުޓްޑޯ ޖިމް ގެނައުމުގެ މަސައްކަތް އެ ކޯޕަރޭޝަނާ ހަވާލުކުރި ނަމަވެސް، އެންމެ ތިން މަހުން ނިންމައިދޭން އެދިވަޑައިގެންނެވި ކަންތަކަށް އަހަރާ ދެ މަސް ދުވަސް ނެގި ކަމަށް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން މަސައްކަތްތައް ލަސްވުމުގެ އިތުރުން، މުދަލުގެ ޑެމަރޭޖް މާފު ކޮށްދިނުމަށް ކޯޕަރޭޝަނުން ރައީސް އޮފީހުގައި އެދުނު ކަމަށް ވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިމިގެންދިޔަ ދައުރުގައި، ސްޕޯޓްސް ކޯޕަރޭޝަނާ ބެހޭގޮތުން މަޖިލީހުގައި ވާހަކަ ދައްވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަނުން ހަމައެކަނި ކުރާ ކަމަކީ ހެޕީ ފާދާސްޑޭ، ހެޕީ މަދާސްޑޭ، ހެޕީ ނިއުއިޔާ ޓުވީޓު ކުރުން ކަމަށެވެ. އެއީ އެއްވެސް ފައިދާއެއް ނެތް ބޭކާރު ކުންފުންޏެއް ކަމަށާއި، އެއީ ދައުލަތުން އެތައް މިލިޔަން ރުފިޔާއެއް އެތަނަށް ހަރަދު ކުރަން ޖެހިފައިވާ ކުންފުންޏެއް ކަމަށްވެސް ވިދާޅުވިއެވެ.

ސްޕޯޓްސް ކޮމިޝަނަރު އިށީންނާނެ ތަނެއް ނެތް އިރުވެސް ގަލޮޅު ދަނޑުގައި ހުރި އެ މިނިސްޓްރީގެ އިމާރާތެއް ސްޕޯޓްސް ކޯޕަރޭޝަނަށް ދޭން ޖެހިފައިވާ ކަމަށާއި، ގަލޮޅު ދަނޑުގައި ހުރި، ޔޫތު މިނިސްޓްރީގެ އިމާރާތެއްގެ ތެރޭގައި، ސްޕޯޓްސް ކޯޕަރޭޝަން އޮތީ، އެތަނުން ނުނިކުމެ ގަދަކަމުން ކަމަށްވެސް ވިދާޅުވިއެވެ.

"އެއީ އެމްޓީސީސީ އާއި އާރުޑީސީ ޔޫތު މިނިސްޓްރީއަށް ވަދެ ނުނިކުމެ ތިބުން ކަހަލަ ކަމެއް،" ކަމަށްވެސް ވިދާޅުވިއެވެ.

އެންމެފަހުން، ސްޕޯޓްސް ކޯޕަރޭޝަން ކިޔާ ތަނެއް ދުނިޔޭގެ އެއްވެސް ތަނެއްގައި އުފައްދާފައި ވެސް ނޯންނަ ކަމަށް، މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ. އެ ހުރިހާ ކަމަށް ބަލައި ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމާފައިވާކަމަށް ވެސް މިނިސްޓަރު މަހުލޫފު ވިދާޅުވެފައިވެއެވެ. އެކަމާ ގުޅިގެން އެފަދަ މަސައްކަތްތަކެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) އިންވެސް ފެށިއެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ ވާހަކަ، މިނިސްޓަރު މަހުލޫފް އެތައް ދުވަހެއް ވަންދެން އެތައް ފޯރަމެއްގައި ދައްކަވާފައި ވަނިކޮށް، މިނިސްޓަރުގެ ވާހަކަތަކަށް އެ ކޯޕަރޭޝަނުން މިވަނީ ރައްދު ދީފައެވެ. ރާއްޖެ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މައުރޫފް އަހުމަދު (މާއްޓޭ) ވިދާޅުވީ، ކޯޕަރޭޝަން އުވައިލުމުގެ ވާހަކަ ދެއްކި ނަމަވެސް އެކަމާމެދު ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށާއި، ކުންފުންޏާމެދު އޮތް އުއްމީދުވެސް ކަނޑުއްވައި ނުލައްވާ ކަމަށެވެ.

މާއްޓޭ ވާހަކަ ފެއްޓެވީ، އައުޓްޑޯ ޖިމްތައް ގެނައުމަށް މިނިސްޓްރީން އެ ކުންފުންޏާ ހަވާލު ކުރި މަސައްކަތުންނެވެ. އެއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގެ 61 ރަށުގައި އައުޓްޑޯޖިމް ގާއިމް ކުރަން ހިންގި މަޝްރޫއެކެވެ. އެ މަޝްރޫއަށް ބޭނުންވާ ތަކެތި ގެނައުމުގެ މަސައްކަތް ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީއާއެކު ސޮއި ކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މަހުލޫފް އެވެ. ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް އަހްމަދު (މާއްޓޭ) އެވެ.

އެ މައްސަލައާ ބެހޭގޮތުން މާއްޓޭ ވިދާޅުވީ، އެ ކަމާބެހޭގޮތުން މިނިސްޓަރު ވާހަކަ ދައްކަވާފައި ވަނީ، އެ ކަމާބެހޭ ރަނގަޅު މައުލޫމާތު މިނިސްޓްރީން ވަޒީރަށް ދީފައި ނުވާތީއެވެ.

މައުރޫފް ވިދާޅުވީ، އެ މަސައްކަތް މިނިސްޓްރީން ކުންފުންޏާ ހަވާލުކުރީ ސިންގަލްސޯސް ގޮތަށް ކަމަށެވެ.

އެތަކެތި ރާއްޖެ ގެނައީ އެތަކެތި ލިބޭނީ ކޮންތަނަކުންތޯ ބެލުމަށް ހުޅުވައިލި ފުރުސަތުގައި، ލިބުނު ސްޕެސިފިކޭޝަންތައް ސްޕޯޓްސް މިިނިސްޓްރީއަށް ފޮނުވުމުން، އެ މިނިސްޓްރީގެ ކަމާބެހޭ ޔުނިޓުން ބަލައި ސްޓޭމްޕް ކޮށް ސޮއިކޮށް، ކޮން މަރުކާއެއްކަން ކަނޑައެޅުމުމުން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކަން ކުރީ ހަމަ އުފަލުން، އެބޭފުޅުން ހުރި ސްޕެސިފިކޭޝަން ތަކެއްވެސް ދެއްވައިފަ، އެނގިވަޑައިގަންނަވާނެ ހަވާލު ކުރެއްވިއިރުވެސް އަޅުގަނޑުމެންނަކީ އެކަހަލަ ޖިމް އެއްޗެހި އުފައްދާ ފެކްޓްރީއެއް ނޫންކަން، ބޭރުންކަން ގެންނަން ޖެހެނީ، އެހެންވީމަ އަޅުގަނޑުމެން ޕްރޮކިއުމެންޓް އުސޫލުގެ ތެރެއިން ބެލިން ކޮންތާކުންތޯ އެތަކެތި ލިބޭނީ، ދެން އޭތި އޯޕަން ކޮށްލައިގެން ބެލި ބެލުމުން ލިބުނު ސްޕެސިފިކޭޝަންތައް ޕްރޮކިއު ކުރުމުގެކުރިން ފޮނުވިން ޔޫތު މިނިސްޓްރީއަށް، އެ މިނިސްޓްރީގެ ކަމާބެހޭ ޔުނިޓުން އެބަލައިފަ އޭގައި ސްޓޭމްޕް ކޮށް ސޮއިކޮށްފަ މިވެނި މަރުކާގެ މި ސްޕެސިފިކޭޝަންގެ އެއްޗެހި އޯކޭ ކަމަށް ބުނުމުން އެ އެއްޗެހި ފެކްޓްރީއަށް އޯޑަރު ދީގެން ޖައްސައިގެން މިކޮޅަށް ގެނައީ. އެހެންވީމަ އެއެއްޗެހި ހުންނާނީ ހަމަ ޔޫތު މިނިސްޓްރީން ދެއްވި ސްޕެސިފިކޭޝަނަށް،"

މައުރޫފު ވިދާޅުވީ، އެކަމުގައި ލަސްތަކެއް ވި ކަމަށެވެ. ނަމަވެސް އެކަން ކުރިއަށް ގެންދިޔައީ، އެގްރީމެންޓްގައިވާ ގޮތުގެ މަތިން އެކަން ލަސްވާ ސަބަބު މިނިސްޓްރީއަށް ހުށަހަޅުއްވާ ކަމަށާއި، ދެ ފަރާތުން ވާހަކަ ދައްކައިގެން މިނިސްޓްރީން އެ މުއްދަތު އިތުރު ކޮށްދެއްވާ އުސޫލުން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމުގައި ފުރަތަމަ ލަސްވުން އައީ ސްޕޯޓްސް މިނިސްޓްރީގެ ތެރެއިން ކަމަށްވެސް މާއްޓޭ ވިދާޅުވިއެވެ.

"ފުރަތަމަ ލަސްވުމަކީ ވެސް ޔޫތު މިިނިސްޓްރީގެ ތެރެއިން އައި ލަސްވުމެއް، އެ ލަސްވުމަށް ވަގުތުވެސް ދެއްވި، ދެން އައީ ކޮވިޑް އައިސް އޭގެ ތެރެއަށް ވަނީ، އެވަދެގެން އެއުފައްދާ ފެކްޓްރީ، ތުރުކީން އަޅުގަނޑުމެން މި އުފެއްދީ، ދެން ތުރުކީގެ އެ ފެކްޓްރީ ހުއްޓާލަން އެންގީ އެކަންވެސް އަޅުގަނޑުމެން މިނިސްޓްރީގެ ސަމާލުކަމަށް ގެނައިން، އެގޮތަށް ގާތްގަނޑަކަށް ދެމަހެއްވަރު ތިންމަހެއްވަރުދިޔަ،"

މާއްޓޭ ވިދާޅުވީ، އެ ޝިޕްމަންޓް ރާއްޖެ ގެނައުމަށް އެފަރާތުން ތިން ހަފުތާގެ މުއްދަތެއް ދިން ނަމަވެސް އެ ތަކެތި އައީ ޓްރާންސިޓްކޮށް ކަމަށްވާތީވެސް ވަގުތު ނެގި ކަމަށެވެ. އެކަންތައްތައްވެސް މިނިސްޓްރީއާ ހިއްސާ ކުރެއްވި ކަމަށް މާއްޓޭ ވިދާޅުވިއެވެ.

މާއްޓޭ ވިދާޅުވީ އެކަންތައްތަކުގައި އެ ކުންފުނީގެ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ. އަދި އެ މަސައްކަތަކީ އެ ކޯޕަރޭޝަން މުވައްޒަފުން ހިތްހެޔޮ ކަމާއެކު އުފަލުން ވަރަށް ރަނޅަށް ކޮށްދިން މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެފަދަ މަސައްކަތެއް ކުންފުންޏާ ހަވާލު ކުރެއްވީތީ މިނިސްޓަރު މަހުލޫފަށް ޝުކުރު ދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މާއްޓޭ ވިދާޅުވީ، އެތަކެތި ގެނެސް ރަށްރަށަށް ނުގެންގޮސް ގަލޮޅު ދަނޑުގައި، ހާމަ ތަނެއްގައި އަތްވާއި ވައިގައި ގިނަދުވަސްތަކެއް ބެހެއްޓުމުން ބައެއް ތަކެތީގައި ދަބަރުޖަހައި ގެއްލުންތަކެއް ވި ކަމަށެވެ. އަދި އެތަކެތި ރަށްރަށަށް ގެންދިއައީވެސް އެތަކެތި ބަހައްޓާނެ ބިން ތައްޔާރު ނުކޮށް ކަމަށްވާތީ އެ މައްސަލަވެސް ދިމާވާނެ ކަމަށެވެ.

އެތަކެތީގައި އެއްވެސް މައްސަލައެއް ހުރެއްޖެ ނަމަ ވޮރަންޓީ ޕީރިއަޑްގެ ތެރޭގައި އެތަކެތި ބަދަލު ކުރެވޭގޮތަށް ހަމަޖައްސައި އެވާހަކަ ހިއްސާކޮށްފައިވާނެ ކަމަށްވެސް މާއްޓޭ ވިދާޅުވިއެވެ. ނަަމެވެސް މިހާތަނަށް އައިއިރުވެސް އެއްވެސް މައްސަލައެއް އައިސްފައި ނުވުމަކީ އެ މަސައްކަތް ބަރާބަރަށް ކުރެވިފައި ވުން ކަމަށްވެސް މާއްޓޭ ވިދާޅުވިއެވެ.

"ކޮންޓްރެކްޓްގައި އޮންނާނެ އޭގައި އެއްވެސް ޑިފެކްޓެއް ހުރެއްޖެ ކަމަށްވަންޏާމު އެމީހުންނަށް ވޮރަންޓީ ޕީރިއަޑްގެ ތެރޭގައި އެއެއްޗެހި ބަދަލު ކުރެވޭ ގޮތަަށް، ނަމަވެސް މިއަދާ ހަމައަށް އެފަދަ އެއްވެސް މައްސަލައެއް އައިސްފައެއް ނުވޭ، އެހެންވީމަ އަޅުގަނޑަށް ގަބޫލު ކުރެވެނީ ވަރަށް ރަނގަޅަށް ބަރާބަރަށް ކުރެވިފައިވާ މަސައްކަތްތަކެއް ކަމަށް،"

ސްޕޯޓްސް ކޯޕަރޭޝަނަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި އުފައްދާފައި އޮންނަ ކުންފުންޏެއް ނޫން ކަމަށާއި އެއީ ބޭކާރު ކުންފުންޏެއްކަމަށް ވިދާޅުވެ މިނިސްޓަރު މަހުލޫފު ދެއްކެވި ވާހަކަތަކާ ގުޅިގެން މާއްޓޭ ވިދާޅުވީ، އެއީ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ބޮޑަށް ޑިބޭޓް ކޮށްގެން، މަޖިލީހުން ފާސްކުރި ގާނޫނަކުން އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. އެހެންކަމުން އެކުންފުންޏާ ބެހޭގޮތުން ހެދި ދިރާސާތައް ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެ ކޯޕަރޭޝަނުން ކުރެވޭނެ ބައެއް ކަންތައްތައް ވިދާޅުވެދެއްވަމުން މާއްޓޭ ވިދާޅުވީ، ސީދާ ސްޕޯޓްސް ކޯޕަރޭޝަން ނުކީ ނަމަވެސް އެފަދަ ކުންފުނިތައް ދުނިޔޭގައި އެބަހުރި ކަމަށެވެ. އެކަމުގެ މިސާލު ދެއްވަމުން މާއްޓޭ ވިދާޅުވީ، ސިންގަޕޫރު، ކެނެޑާ، އޮސްޓްރޭލިއާ، ފަދަ ގައުމުތަކުގައި އެފަދަ ކުންފުނިތައް އެބަހުރި ކަމަށެވެ.

މާއްޓޭ ވިދާޅުވީ އެ ކުންފުނީގައި ހުންނެވީ ވަޒީފާއެއް ނުލިބިގެން ނޫން ކަމަށެވެ. ކުންފުނި އުވާލުމަށްފަހު ދާށޭ ބުނީމަ ދާނީ އުފަލުން ކަމަށާއި، ކޮންމެ ތަނެއްގައި ކޮންމެ މަގާމެއްގައި ހުއްޓަސް ކުޅިވަރަށް އޮތް ލޯތްބެއްގެ ސަބަބުން ކުޅިވަރަށް ހިދުމަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ކިޔެވި އެއްޗެއްސާ ދިމާވާތީ އާއި އެ ކޯޕަރޭޝަންގެ ބިޒްނަސް ޕްލޭން ހެދިއިރު، އޭގައި އަޅުގަނޑު މަސައްކަތް ކުރިން، އެ ބިޒްނަސް ޕްލޭންގެ ތެރެއިން އެތަން ހިންގަން ލިބުނީމަ އަޅުގަނޑު ހަވާލުވީ، އަޅުގަނޑަށް އެބަހުރި އެހެން ޖޮބްތައްވެސް މިއަދުވެސް، ގާނޫނަކުން އުފެދިފައިވާ ތަނަކަށްވާތީ، އެތަން އުވާލުމަކީ އަޅުގަނޑުގެ ކަމެއް ނޫން، މިސާލަކަށް އެތަން އުވާލައިފަ ދާށޭ ބުނީމަ އުފަލާއެކީ ދާނަން އެކަމަކު އަޅުގަނޑު ކުޅިވަރަށް ވީމަ އޮތް ލޯތްބަކާއި ޕޭޝަންއަކަށް ވާތީ އަޅުގަނޑު ކޮންމެ ތާކަށް ދިޔަޔަސް އެކަމަށް ކޮށްދެވެން އޮތް ހިދުމަތެއް ކޮށްދޭނަން،" މީގެ އެތަކެއް އަހަރު ކުރިއްސުރެން ދިވެހި ކުޅިވަރަށް ހިދުމަތް ކުރަމުން އަންނަ މާއްޓޭ ވިދާޅުވިއެވެ.

އެ ކުންފުނި މަސައްކަތް ކުރަނީ ވަކި ސިޔާސީ ނުފޫޒެއްގެ ދަށުން ވަޒީރަށް އުނދަގޫވާ ގޮތަށް ކަމަށް ކުރެއްވި ތުހުމަތުތަކަށް މާއްޓޭ ވިދާޅުވީ، އެތަނުން ކުރާ މަސައްކަތްތަކަކީވެސް ސިޔާސީ ގޮތުން ސަމާލުކަމެއް ލިބޭވަރުގެ މަސައްކަތްތަކެއްވެސް ނޫން ކަމަށެވެ. އަދި އެ ކުންފުންޏަކީ ސިޔާސީ އެއްވެސް ނުފޫޒެއް އޮތް ކުންފުންޏެއް ނޫން ކަމަށާއި އަބަދުވެސް މަސައްކަތް ކުރަނީ އެންމެންނާ ގުޅިގެން މަސައްކަތްތައް ކުރަން ކަމަށްވެސް ވިދާޅުވީއެވެ.

"ކޮން މަސައްކަތެއްތޯ، އަސްލުގައި ސިޔާސީގޮތުން އުރަތްޕެއް ލިބޭ ވަރުގެ ކްލައުޓެއް މިދެންނެވީ، ހޯދުމަށް ޓަކައި ކުރަނީ، އެ ފުރުސަތެއް ނެތެއްނޫންތޯ، އަޅުގަނޑުމެންނަކަށް އަދި، އަޅުގަނޑުގެ ފަހަތުން މިސާލަކަށް މީހަކު ދުވާނީ ވެސް މި ކުންފުނީގައި މަސައްކަތްތަކެއް އޮވެގެން، އަޅުގަނޑުމެން މަސައްކަތް މިކުރަނީ އަޅުގަނޑުމެންގެ މެއިންޑޭޓްގައި އޮތް މަސައްކަތްތަކެއް ހޯދަން ވެގެން، އެއްވެސް ސިޔާސީ ނުފޫޒެއް ނާދޭ،" މާއްޓޭ ވިދާޅުވިއެވެ.

މިނިސްޓްރީއާ ގާތުން މަސައްކަތް ކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތް ފާހަގަ ކުރައްވައި، މާއްޓޭ ވިދާޅުވީ، މިނިސްޓަރު މަފްލޫފަށް އެންމެ ފުރަތަމަ ބައްދަލުކޮށް މަރުހަބާ ކީވެސް އެ ކުންފުނިން ކަމަށެވެ. އަދި އިތުރަށް ބައްދަލު ކުރަން ދެތިން ހަތަރު ފަހަރު ސިޓީ ފޮނުވާފައިވާ ކަމަށާއި، މިނިސްޓަރާ ބައްދަލު ކުރުމަށް އެޕޮއިންޓްމެންޓަކަށް އެދިފައިވާތާވެސް ދެތިންމަސް ވެފައިވާއިރު އަދިވެސް ޖަވާބު ނުލިބޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ސްޕޯޓްސް ކައުންސިލާވެސް ވަރަށް ގާތުން މަސައްކަތްކޮށް، ބައްދަލުވުންތައް ބާއްވަމުން ދަނިކޮށް، މިނިސްޓްރީގެ ވިސްނުން ހުރީ، އެއްވެސް ކަމެއްގައި ސްޕޯޓްސް ކޯޕަރޭޝަންގެ ރޯލެއް ނެތް ކަމަށް މިނިސްޓަރު ގެންގުޅުއްވާ ވިސްނުންފުޅާ އެއްގޮތަށް ކަމަށް އެންމެފަހުން ބޭއްވި ބައްދަލުވުގައި، ސްޕޯޓްސް ކައުންސިލުން ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މާއްޓޭ ވިދާޅުވީ އުއްމީދު ކަނޑައިނުލާ ކަމަށާއި، ކުންފުންޏާމެދު ކުރެވޭ އުއްމީދުތައް އަދިވެސް އެބައޮތް ކަމަށެވެ. ނަމަވެސް މިހާރު ކަންތައްދާގޮތުން އެކަމަށް ދުވަސް ނަގާނެ ކަމަށާއި، އެއީ މުހިއްމު ކުންފުންޏެއްކަން ވިސްނައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.