އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ގަދަ 16 ގައި ކޮމޮރޯސް ބަލިކޮށް ހޯސްޓް ކެމަރޫން ކުއާޓާއަށް ދަތުރު ކޮށްފިއެވެ.
މެޗު އެއްކޮށް ކަހަލަ ގޮތަކަށް ކޮމޮރޯސްއިން 10 ކުޅުންތެރިންނާއެކު ކުޅުނު އިރު، ކެމަރޫނުން މެޗު ކާމިޔާބުކުރީ 2-1 ގެ ހަނި ނަތީޖާއަކުންނެވެ. ރޭގެ މެޗުގެ ކުރިން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައި އޮތީ ކޮމޮރޯސްގެ ކޮވިޑް 19 ގެ ހާލަތަށެވެ. ޓީމު ތެރެއިން ކޮވިޑުގެ ގިނަ ކޭސްތަކެއް ޕޮޒިޓިވް ވެ، ގޯލްކީޕަރެއް ސްކޮޑަށް ނެގެން ނެތް ހާލަތަށް ކޮމޮރޯސް ގޮސްފައިވާ އިރު، އެޓީމުން ރޭގެ މެޗުގައި ގޯލު ބަލަހައްޓަން ނެރުނީ އަރިމަތިން ފަހަތަށް ކުޅޭ ޗަކާ އަޅަދޫރެވެ.
މެޗުގައި އަޅަދޫރުގެ ފަރާތުން އާދަޔާހިލާފު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، އެތައް ބަޔަކު ވަނީ އޭނާއަށް ސެލިއުޓް ކޮށްފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ކޮމޮރޯސްގެ ނަދީމް އަބްދުއަށް ދެއްކި ރަތް ކާޑާއެކު އެޓީމުން ކުޅުންތެރިޔަކު މަދުން ކުޅުނު ނަމަވެސް ކެމަރޫނަށް ވަނީ ގޯލު ޖަހަން އުނދަގޫ ވެފައެވެ.
އެތައް ގޮތަކުން ގޯލަކަށް މަސައްކަތް ކުރި ކެމަރޫނުން މެޗުގެ ފުރަތަމަ ހާފުގައި ކާލް ޓޯކޯ އެކާމްބޭގެ ގޯލުން ލީޑު ނެގި ނަމަވެސް ލީޑު ފުޅާ ކުރެވުނީ ދެވަނަ ހާފުގައެވެ. 81 ވަނަ މިނެޓުގައި ކެމަރޫންގެ ދެވަނަ ގޯލު ޖެހީ ވިންސެންޓް އަބޫބަކާރެވެ. އެއީ އަބޫބަކާރު މިފަހަރު މުބާރާތުގައި ޖެހި ހަވަނަ ގޯލެވެ. އެ ގޯލާއެކު އަބޫބަކާރު ވަނީ ތާރީހުގެ ތެރެއިން ޖާގަ ހޯދާފައެވެ. އަބޫބަކާރު ވެފައި ވަނީ އެފްކޯންގެ އެއް މުބާރާތެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.
އަބޫބަކާރު މުގުރާލީ ކެމަރޫންގެ ލެޖެންޑަރީ ފޯވަޑު، އަދި މިހާރު އެފްއޭގެ ރައީސް ސެމިއުލް އެޓޫ ހަދާފައިވާ ރެކޯޑެކެވެ. އެޓޫ ވަނީ 2006 އަދި 2008 ވަނަ އަހަރުގެ މުބާރާތުގައިވެސް، ކޮންމެ މުބާރާތެއްގައި ފަސް ގޯލު ޖަހައިފައެވެ. ކޮމޮރޯސްއިން މެޗުގައި ގޯލުވެސް ޖެހިއެވެ. އެ ގޯލަކީ ޔޫސުފް ޗަންގަމާ ޖެހި ހިތްގައިމު ހިލޭ ޖެހުމެކެވެ.
ކެމަރޫނުން ކުއާޓާގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ގެމްބިއާއާ ދެކޮޅަށެވެ. ރޭ ގެމްބިއާއިން ކުއާޓާ ޔަގީންކުރީ ގީނީއާ ދެކޮޅަށް ކުޅުނު ގަދަ 16 ގެ މެޗު 1-0 އިން ކާމިޔާބު ކޮށްގެންނެވެ. ގެމްބިއާއާއިން އަލަށް މުބާރާތް ކުޅެމުންދާ އިރު، ރޭގެ ނަތީޖާއަކީ އެޓީމަށް ތާރީހީ ނަތީޖާއެއްވެސް މެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު