އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ކުއާޓާ ފައިނަލް ފުރަތަމަ ޖާގަތައް ޓިއުނީޝިއާ އާއި ބުރްކީނޯ ފާސޯން ހޯދަފިއެވެ.

އެފްކޯންގެ ގަދަ 16 ގައި ކުޅުނު ފުރަތަމަ މެޗުގައި ބުރްކީނޯ ފާސޯން ގެބޮންގެ މައްޗަށް ކުރިހޯދީ ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކޮށްގެންނެވެ. މެޗު ފޯރިގަދަކޮށް ފެނިގެން ދިޔަ އިރު، އިތުރު ވަގުތަށް ދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މެޗުގެ ފަހު ހާފު ބޮޑު ބައެއް 10 ކުޅުންތެރިންނާއެކު ކުޅުނު ގެބޮންއިން ފަހު މިނެޓު ނަތީޖާ ހަމަހަމަ ކޮށް ޕެނަލްޓީއާ ހަމައަށް ގޮސް ބަލިވީ 6-7 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ބުރްކީނޯ ފާސޯއަށް ވަނީ ލީޑު ނަގަން ޕެނަލްޓީއެއް ލިބި ބޭކާރު ވެފައެވެ. އެޓީމުގެ ކެޕްޓަން ބާޓްރެންޑް ޓްރައޯރޯގެ ޕެނަލްޓީ ނާކާމިޔާބު ވި ނަމަވެސް ހާފު ނިމުމުގެ ކުރިން އޭނާ ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. ފަހަތުން އަރައި ގޯލެއް ޖަހަން ގެބޮންއިން ކުރަމުން ދިޔަ މަސައްކަތަށް އުނދަގޫވީ މެޗުގެ ފަހު ހާފުގައި ސިޑްނޭ އޮބޯސާއަށް ދެއްކި ރަތް ކާޑުންނެވެ.

އެހެން ނަމަވެސް ކުޅުންތެރިޔަކު މަދުކޮށް ހިތްވަރުކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް ގެބޮންއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަޑަމާ ގުއިރާގެ ގޯލުންނެވެ. ދިގު ދެމިގެން ދިޔަ ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށް ބުރްކީނޯ ފާސޯން ކުއާޓާއަށް ދިޔަ އިރު، އެޓީމުން ކުއާޓާގައި ނުކުންނަން ޖެހޭނީ ޓިއުނީޝިއާއާ ދެކޮޅަށެވެ.

ޓިއުނީޝިއާ ކުއާޓާގެ ޖާގަ ހޯދީ ފޯމުގައި އޮތް ނައިޖީރިއާ 1-0 އިން ބަލިކޮށްގެނެވެ. ގްރޫޕް ސްޓޭޖު ހުރިހާ މެޗަކުން މޮޅުވެ ނައިޖީރިއާ ގަދަ 16 އަށް ދިޔައީ ފޯމުގައި ނަމަވެސް ޓިއުނީޝިއާ ދިޔައީ އުނދަގޫ ހާލަތެއްގައި އޮވެގެންނެވެ. ޓިއުނީޝިއާއަށް ކޮވިޑް 19 ގެ އުނދަގޫ ހާލަތެއް ދިމާވެ ގަދަ 16 އަށް ދިޔައީ ކިރިޔާއެވެ. އެ ޓީމުން ގަދަ 16 އަށް ދިޔައީ ގްރޫޕުގެ ތިންވަނައިގައި އޮވެގެންނެވެ.

ރޭގެ މެޗުގައި ޓިއުނީޝިއާގެ ފަރާތުން އެ މާޔޫސް ކަމެއް ނުފެނެއެވެ. އެޓީމުން ކުޅުނީ ހިތްވަރާއެކު ޖޯޝުގައެވެ. ކުރީކޮޅުގައި ނައިޖީރިއާގެ ހަމަލާތައް ފެނުނު ނަމަވެސް މެޗުގައި ޓިއުނީޝިއާއިން ލީޑު ނެގީ ޔޫސުފް ސަކްނީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއިންނެވެ. އެ ގޯލު ސަކްނީ ޖެހީ ދެވަނަ ހާފު ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ.

މިހާތަނަށް ތިން ފަހަރު އެފްކޯން ކާމިޔާބު ކޮށްފައިވާ ނައިޖީރިއާއިން ގޯލަކަށް މަސައްކަތް ކޮށް އެޓޭކް ވަރުގަދަ ކުރުމަށް އެލެކްސް އިވޯބީ ފަދަ ކުޅުންތެރިން ދަނޑު މައްޗަށް ނެރެފައިވެއެވެ. އެ ބަދަލުވެސް ކާމިޔާބެއް ނުވިއެވެ. މެޗުގެ 66 ވަނަ މިނެޓުގައި އިވޯބީއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

ކުއާޓާގައި ބުރްކީނޯ ފާސޯއާ ދެކޮޅަށް ޓިއުނީޝިއާ ކުޅޭ މެޗު އޮންނާނީ މިމަހު 29 ވަނަ ދުވަހުއެވެ. ޓިއުނީޝިއާއަކީ އެފްކޯން 2004 ވަނަ އަހަރުގެ ޗެމްޕިއަނުންނެވެ.