އައިޑީ ކާޑުގެ މުއްދަތު ހަމަވި ނަމަވެސް މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ކާޑުތައް ބޭނުން ކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނެފި އެވެ.
ޑީއެންއާރް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ބަލި ފެތުރުން އިތުރުވަމުންދާތީ ގިނަ ބަޔަކު ވަދެ ނިކުމެ އުޅޭ ތަންތަނަކީ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެދާނެ ތަންތަންކަމަށް އެޗްޕީއޭ އިން ފާހަގަކޮށްފައިވާތީ އެތަނަށް ހާޒިރުވާން ޖެހޭ މީހުން މަދުކުރުމަށް ޓަކައި، މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުން ކުރެވޭނެ މުއްދަތު މި އަންނަ ޖުލައި މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
"ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަކީ ދިވެހި ރައްޔިތުންގެ އައިޑީ ކާޑު ހަދައި ދިނުމުގެ ހިދުމަތް ފޯރުކޮށްދޭ އޮފީސްކަމަށް ވުމުން، މިދަނޑިވަޅުގައި ރައްކާތެރިކަމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެއްގެ ގޮތުން މިޑިޕާޓްމަންޓަށް ހާޒިރުވާން ޖެހޭ ފަރާތްތައް ވީހާވެސް މަދުކުރުމަށްޓަކައި މުއްދަތު ހަމަވާ ކާޑުތަކުގެ މުއްދަތު 31 ޖުލައި 2022ގެ ނިޔަލަށް އިތުރުކޮށްފީމެވެ." ޑިއެންއާރް އިން ބުންޏެވެ.
ރާއްޖޭގެ ކޮވިޑުގެ ފުރަތަމަ ރާޅާއެކު، 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މުއްދަތު ހަމަވެފައިވާ އައިޑީކާޑުތައް ބޭނުން ކުރެވޭނެ ގޮތް ވަނީ ހަދާފަ އެވެ. އެގޮތުން އެތެރޭގެ އުދުހުންތަކުގައްޔާއި ޑޮކްޓަރަށް ދެއްކުމުގައި އާސަންދަ ހިދުމަތަށް މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުން ކުރެވޭ ގޮތް ވަނީ ހަދާފަ އެވެ.
މިގޮތަށް ހަމަޖެއްސުމުން އާއްމު ރައްޔިތުންނަށް އައިޑީ ކާޑު މެދުވެރިކޮށް ހިދުމަތް ދޭ އެއްމެހައި މުވައްސަސާތަކުން ހިދުމަތް ފޯރުކޮށްދިނުމުގައި އެ ޑިޕާޓްމަންޓުން އަންގާފައިވާ ގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށް ޑިއެންއާރުން ވަނީ އަންގައިފަ އެވެ.
ޑީއެންއާރުން އިތުރަށް ބުނީ ކާޑުގެ މުއްދަތު އިތުރުކުރި ކަމުގައިވީނަމަވެސް ގްރޭޓާ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މިހާރެކޭ އެއްފަދައިން އޮންލައިންކޮށް (ވެބް ޕޯޓަލް މެދުވެރިކޮށް) އަދި އަތޮޅުތެރޭގައި ކުރިއެކޭ އެއްގޮތަށް ކައުންސިލް އިދާރާތައް މެދުވެރިކޮށް ކާޑު ހެދުމަށް ހުށަހެޅޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު