ސަރަހައްދީ އެއާޕޯޓުތަކުގެ ތެރޭގައި ހިމެނޭ ގދ. ކާޑެއްދޫ އެއާޕޯޓު ބަނދަރުގެ ޖެޓީގެ ބޮޑު ބައެއް ވެއްޓިއްޖެއެވެ.

އެ އަތޮޅު ވެރިކަންކުރާ ރަށް، ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ މިއަދު "ވަން" އަށް ވިދާޅުވީ، ޖެޓީ ވެއްޓިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި ޖެޓީ ވެއްޓުނުކަން ރައީސް އޮފީހަށް އަންގާފައިވާ ކަމަށެވެ. އަދި ރައީސް އޮފީހުން ޖެޓީގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ޕްލޭނިން މިނިސްޓްރީއަށް އަންގާފައިވާކަމުގެ މައުލޫމާތު ލިބޭ ކަމަށް ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، ޖެޓީގެ ބޮޑުބައެއް ވެއްޓިފައިވުމުން މިހާރު އެރަށަށް އަންނަ މީހުން ބޭނުންކުރަނީ ނުވެއްޓި ހުރި ކުޑަ ތަންކޮޅެއް ކަމަށާއި އެއީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށްވިޔަސް، ސަރަހައްދީ އެއާޕޯޓު އޮތީ އެރަށުގައި ކަމަށްވުމުން، ހިދުމަތްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުގެ ފަރާތުންނާއި އެ ދާއިރާ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ޖެޓީ ވެއްޓުނު މައްސަލަ ހައްލުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ވެސް ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށް ސައުދު ވިދާޅުވިއެވެ.

"ފަތުރުވެރިން ވެސް އަތޮޅުގެ އަނެއް އަތޮޅު، (ގއ. އަތޮޅު) އަށް ދަނީ ކާޑެއްދޫން ކަމަށްވާތީ މި ބަލަނީ ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭތޯ. ރައީސް އޮފީހުން ދެކެނީ މިއީ ގައުމީ މައްސަލައެއް ކަމަށް. ސަރުކާރުންނާއި ދާއިރާގެ މެމްބަރުންގެ ފަރާތުން ވެސް ފުރިހަމަ އެއްބާރުލުން ލިބެމުންދޭ،" ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ޕްލޭނިން މިނިސްޓްރީން ކާޑެއްދޫ ބަނދަރުގެ ޖެޓީ އަލުން މަރާމާތުކުރުމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާ ދުވަހެއް ސާފުވެފައިނުވާ ކަމަށާއި ނަމަވެސް އެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ބަނދަރުގެ ޖެޓީ ވެއްޓުނުއިރު އެ ޖެޓީ އޮތީ ވަރަށް ބޮޑަށް ހާލަކުވެފައި ކަމަށެވެ. އަދި އެކަމުގެ ޝަކުވާ ކާޑެއްދޫ ހިންގުމާ ހަވާލުވެ ތިބި ރީޖަނަލް އެއާޕޯޓްސްގެ އިސް މުވައްޒިފުން ވެސް ކުރާ ކަމަށް ވިދާޅުވިއެވެ.

ކާޑެއްދޫ ބަނދަރުގެ ޖެޓީގެ މަސައްކަތަކީ ވަރަށް އަވަސް އަރުވާލައިގެން ވަރަށް ފެންވަރު ދަށްކޮށް ހަދާފައިވާ ޖެޓީއެއް ކަމަށާއި ޕްލޭނިން މިނިސްޓްރީން ޖެޓީގެ މަސައްކަތް އަލުން ކުރާއިރު ދިރާސާކޮށް ފެންވަރު ރަނގަޅު ޖެޓީއެއް ހަދައިދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

އެންމެ ފަހުން ކާޑެއްދޫ ބަނދަރާއި ޖެޓީ ތަރައްގީކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން 2014 ވަނަ އަހަރުއެވެ.