އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތް ބާއްވާ ކެމަރޫން ގަދަ 16 އަށް ދަތުރުކުރި އިރު، އެ ގްރޫޕުގެ ދެވަނަ މަގާމު ބުރްކީނާ ފާސޯ ޔަގީން ކޮށްފިއެވެ.
ގްރޫޕް އޭގެ އެއްވަނަ ކެމަރޫނުން ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ، އެންމެފަހުން ރޭ ކުޅުނު މެޗުގައި ކޭޕް ވޭޑާއެކު އެއްވަރު ވެގެންނެވެ. ޖުމުލަ ތިން މެޗުން ކެމަރޫން ހަތް ޕޮއިންޓް ހޯދައިފައިވާ އިރު، ދެވަނައިގައި ބުރްކީނާ ފާސޯ އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކުގައެވެ. ރޭ ބުރްކީނާ ފޯސާ އިތިއޯޕިއާ ދެކޮޅަށް ކުޅުނު މެޗުވެސް ވީ 1-1 އިން އެއްވަރެވެ.
ތިންވަނައިގައި އޮތް ކޭޕް ވޭޑަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، އެޓީމަށް ތިންވަނަ ލިބުނީ ޖެހި ގޯލުގެ ތަފާތުންނެވެ. ކޭޕް ވޭޑަށް އެންމެ މޮޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނި ގަދަ 16 އަށް ދިޔުމުގެ ފުރުސަތު އަދި އޮންނާނެއެވެ.
ރޭ ކެމަރޫނުން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ލީޑު ނެގިއެވެ. މުބާރާތުގެ މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ، ކެޕްޓަން ވިންސެންޓް އަބޫބަކާރު 39 ވަނަ މިނެޓުގައި ޖެހި ގޯލާއެކު ކެމަރޫން ލީޑު ނެގީ، އަބޫބަކާރު މުބާރާތުގައި ޖެހި ފަސްވަނަ ގޯލުންނެވެ. މެޗުގައި ކޭޕް ވޭޑް ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފުގެ އަށްވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ ބަދަލަކަށް ނުކުތް ގެރީ ރޮޑްރިގޭސްއެވެ.
ކެމަރޫނުން ގަދަ 16 ގެ މެޗުގައި ނުކުންނާނީ ރޭގެ މެޗުވެސް ކުޅުނު ޔާންޑޭ ސްޓޭޑިއަމްގައެވެ. އެ ސްޓޭޑިއަމްގައި ކެމަރޫން އެންމެފަހުން ބަލިވީ 1988 ވަނަ އަހަރުއެވެ. ގަދަ 16 ގައި ކެމަރޫން ނުކުންނަން ޖެހޭނީ ގްރޫޕް ސީ، ޑީ ނޫނީ އީގެ ތިންވަނަ ޓީމަކާ ދެކޮޅަށެވެ. ގަދަ 16 ގައި ކެމަރޫން ކުޅޭ މެޗު އޮންނާނީ 24 ޖެނުއަރީގައެވެ.
ރޭގެ މެޗު ބަލަން ކެމަރޫންގެ އެފްއޭ ރައީސް ސެމިއުލް އެޓޫ އިންނެވި އިރު، އޭނާއަކީ އެފްކޮންގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. މުބާރާތުގައި އޭނާ ޖުމުލަ 18 ގޯލު ޖަހައިފައިވާ އިރު، 2006 އަދި 2008 ވަނަ އަހަރުގެ މުބާރާތުގައިވެސް އޭނާ ވަނީ ކޮންމެ މުބާރާތެއްގައި ފަސް ގޯލު ޖަހައިފައެވެ. އެއީ މީގެ ކުރިން އެއް މުބާރާތެއްގައި ކުޅުންތެރިޔަކު އެންމެ ގިނައިން ގޯލު ޖެހި އަދަދެވެ. މިފަހަރު މުބާރާތުގެ މިހާތަނަށް ކެމަރޫންގެ ފޯވަޑް އަބޫބަކާރު ވަނީ ފަސް ގޯލު ޖަހައިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު