ފީފާއިން ބާއްވާ "ދަ ބެސްޓް" ފީފާ ފުޓްބޯލް އެވޯޑްސްގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވަން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ)ގެ ވޯޓުގައި އާޖެންޓީނާގެ ޕީއެސްޖީގެ ލިއޮނަލް މެސީއަށް އެއްވަނަ ދިން އިރު، ގައުމީ ކޯޗު އިޓަލީގެ ފްރެެންޗެސްކޯ މޮރިއޭރޯގެ ވޯޓުގައި އެއްވަނަ މަގާމަށް، ރޭގެ އިވެންޓްގައި މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ބަޔާން މިއުނިކްގެ ރޮބާޓް ލެވަންޑޯސްކީއަށް ދިންކަން ރަސްމީ ލިޔުންތަކުން ހާމަވެއްޖެއެވެ.
މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާ ހޮވަން ގައުމުތަކުގެ ކެޕްޓަނުންނާއި ކޯޗުން، އަދި މީޑިއާ ތަކުގެ ވޯޓުވެސް ފީފާއިން ނަގައިފައިވާ އިރު، އެ ވޯޓުތަކުގެ ލިސްޓް ރޭ ވަނީ ހާމަކޮށްފައެވެ. ލިސްޓުގައި ވާގޮތުން ރާއްޖޭގެ ކެޕްޓަން އަކޫ މެސީއަށްފަހު ދެވަނަކަށް އިހުތިޔާރު ކުރީ ލެވަންޑޯސްކީއެވެ. އަދި ތިންވަނަ މަގާމަށް އަކޫ ވޯޓު ދިނީ އިޓަލީގެ ޗެލްސީ މިޑްފީލްޑަރު ޖޯޖީނިއޯ އަށެވެ.
އަކޫ އެންމެ މޮޅު ކޯޗު ހޮވަން ދިން ވޯޓުގައި އެއްވަނަ މަގާމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް އިހުތިޔާރު ކުރި އިރު، ދެވަނަ މާގަމަށް އަކޫ ވޯޓު ދިނީ މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ އަށެވެ. އަދި ތިންވަނަ ކޯޗަކަށް އަކޫ ވޯޓު ދިނީ ޖަރުމަނު ގައުމީ ޓީމާ މިހާރު ހަވާލުވެހުރި، ބަޔާންގެ ކުރީގެ ކޯޗު ހަންސީ ފްލިކަށެވެ. އެންމެ މޮޅު ގޯލްކީޕަރު ހޮވަން އަކޫ ދިން ވޯޓުގެ އެއްވަނަ ދިނީ އިޓަލީގެ ޖިއަންލުއީޖީ ޑޮންނަރޫމާއަށެވެ. ދެން އަކޫ ވޯޓު ދިނީ ބަޔާންގެ މެނުއަލް ނޯޔާ އާއި ޗެލްސީގެ އެޑުއާޑް މެންޑީ އަށެވެ.
ރާއްޖޭގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ މޮޅު ކުޅުންތެރިޔާ ހޮވަން ދިން ވޯޓުގެ ތަރުތީބަކީ ލެވަންޑޯސްކީ، އާލިން ބްރައުޓް ހާލަންޑް އަދި ޖޯޖީނިއޯ އެވެ. އެންމެ މޮޅު ކޯޗުގެ އެވޯޑްގައި މޮރިއޭރޯގެ ފުރަތަމަ ހޮވުމަކީ އޭނާގެ ގައުމަށް ނިސްބަތްވާ އިޓަލީގެ ރޮބާޓޯ މަންޗިނީއެވެ. ދެވަނަ އަށް ވޯޓު ދިނީ އެންޓޯނިއޯ ކޮންޓޭ އަށެވެ. އެވެސް އިޓަލީ ކޯޗެކެވެ. އަދި ތިން ވަނަ ވޯޓު ދީފައިވަނީ އެތުލެޓިކޯ މެޑްރިޑްގެ ޑިއޭގޯ ސިމިއޯނީ އަށެވެ.
ގޯލްކީޕަރު ވޯޓުގައި މޮރިއޭރޯގެ އެއް ވަނަ މާގަމަށް ދިނީ އިޓަލީގެ ޑޮންނަރޫމާ އަށެވެ. ދެ ވަނަ އަށް ލިވަޕޫލްގެ އެލިސަން ބެކާ އަށް މޮރިއޭރޯ ވޯޓު ދިން އިރު، ތިން ވަނަ އަށް ނެގީ ޗެލްސީގެ މެންޑީއެވެ.
ފީފާ އެވޯޑްސްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މިއަހަރުވެސް ލެވަންޑޯސްކީ ހޯދި އިރު، އެންމެ މޮޅު ގޯލްކީޕަރަކީ ޗެލްސީގެ މެންޑީއެވެ. އެންމެ މޮޅު ކޯޗަކީ ޗެލްސީގެ ޓުޗެލްއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު