މިދިޔަ ޑިސެމްބަރު މަހު ރާއްޖޭގެ އިމްޕޯޓް އިތުރުވެފައިވާ ކަމަށާއި ޑިސެމްބަރު މަހުގައި ޖުމުލަ 4.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ހާމަކޮށްފިއެވެ.

ކަސްޓަމްސް އިން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ޑިސެމްބަރު މަހު އިމްޕޯޓް އަދަދު އޭގެ ކުރީ އަހަރުގެ ޑިސެމްބަރު މަހަށްވުރެ 78 ޕަސެންޓް އިތުރުވެފައިވާ އިރު އެކްސްޕޯޓްކުރި މުދަލުގެ އަގު 28 ޕަސެންޓް ދަށެވެ. އަދި ކަސްޓަމްސް އަށް ލިބުނު އާމްދަނީ ވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރަށް ވުރެ 23 ޕަސެންޓް އިތުރުވެފަ އެވެ.

ރޯޔަލްޓީގެ ގޮތުގައި ކަސްޓަމަށް ފާއިތުވި މަހު 11 މިލިއަން ރުފިޔާ ލިބުނެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޑިސެމްބަރު 2020 ގައި 2.5 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި އިރު، މިދިޔަ އަހަރުގެ ޑިސެމްބަރުގައި އެތެރެކޮށްފައިވަނީ 4.5 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި ޑިސެމްބަރު 2020 ގައި 296 މިލިއަން ރުފިޔާގެ އާމްދަނީ ކަސްޓަމަށް ލިބުނު އިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ލިބުނު އާމްދަނީ ވަނީ 364 މިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.

ކަސްޓަމްސްގެ ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކާބޯތަކެއްޗެވެ. ދެ ވަނައަށް އެންމެ ގިނައިން އެތެރެކުރީ ގޭހާއި ތެލުގެ ބާވަތްތަކެވެ. ފާއިތުވި ޑިސެމްބަރު މަހު 935 މިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކޮށްފައި ވާއިރު، 816 މިލިއަން ރުފިޔާގެ ގޭހާއި ތެލުގެ ބާވަތްތައް މިދިޔަ މަހު އެތެރެކޮށްފައިވެ އެވެ.

މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް އެންމެގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ، ޗައިނާ، އިންޑިއާ، އޮމާން އަދި ސިންގަޕޫރުންނެވެ. އަދި އެންމެ ގިނަ މުދާ އެކްސްޕޯޓް ކޮށްފައިވަނީ ތައިލެންޑް، ޖަރުމަން، މޮރިޝަސް، ޔޫކޭ އަދި ޖަޕާނަށެވެ.

ރާއްޖޭން ބޭރަށް އެންމެ ގިނައިން އެކްސްޕޯޓުކުރި މުދަލުގެ ތެރޭގައި ހިމެނެނީ ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކާއި މަހުގެ އެކި އުފެއްދުންތަކެވެ. އޭގެ ތެރޭގައި ގަނޑުކުރި ކަނޑުމަހާއި ކަންނެލި އަދި ފިނިކުރި ކަނޑުމަހާއި ޕްރޮސެސްކޮށްފައި ހުރި މަސް ހިމެނެ އެވެ.