ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން، މެމޮގްރަފީ އަދި އޯޕީޖީގެ ހިދުމަތް ނައިބު ރައީސް ފައިސަލް ނަސީމް ރަސްމީގޮތުން ފަށްޓަވައިދެއްވައިފިއެވެ.
އެ ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި، އުރަމަތީގެ ހާއްސަ އެކްސްރޭ މެމޮގްރަފީ އަދި ދަތްތަކާއި ދަތްތަކާ ގުޅިފައިވާ ކަށިތަކަށް ހާއްސަ އެކްސްރޭ އޯޕީޖީގެ ހިދުމަތް ފަށާފައިވަނީ މިއަދު އެކަމަށް ހާއްސަކޮށްގެން އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އަދި ނައިބު ރައީސް ވަނީ އެ ހިދުމަތްތައް ދޭ ތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވައިލައްވައިފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް، ސިއްހީ ހިދުމަތްތައް ލާމަރުކަޒުކޮށް ރައްޔިތުންނާ ވީހާވެސް ގާތުން ފަސޭހަ އަވަސް ހިދުމަތްތަކެއް ދިނުމަށް ސަރުކާރުން އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލުތައް ތަރައްގީކޮށް ހިދުމަތްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ރައްޔިތުންނަށް މަޖުބޫރުވާ ފަދަ ގޮތަކަށް ކަންކަން ކޮށްގެން ވަކި ދިމާއަކަށް ރައްޔިތުން ގެންދިއުމަށް މި ސަރުކާރުން މަސައްކަތް ނުކުރާނެ ކަމަށާއި އޭގެ ބަދަލުގައި މި ސަރުކާރުން މަސައްކަތްކުރަނީ އެބަޔަކު ދިރިއުޅޭ އަތޮޅުގައި ނުވަތަ ރަށެއްގައި އާއިލާއާއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށެވެ. އަދި ސަރުކާރުން އެންމެބޮޑު ސަމާލުކަމެއްދެނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރުމަށް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ސިއްހީ ހިދުމަތްތައް ލާމަޒުކަޒުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވަމުން ނައިބު ރައީސް ވިދާޅުވީ މާލެ ފިޔަވައި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ސީޓީ ސްކޭންގެ ހިދުމަތަށް ބަލައިލި ނަމަވެސް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މާލެ ފިޔަވައި ރާއްޖޭގައި އެކި ކަންކޮޅުތަކުގައި 3000 ވަރަކަށް މީހުންނަށް ސިޓީ ސްކޭނުގެ ހިދުމަތް ލިބިފައިވާ ކަމަށެވެ. އަދި އެ ހިދުމަތްތަކަކީ މީގެ ކުރިން ބޮޑު ހަރަދުކޮށްފައި މާލެ އައިސްގެން ނޫނީ ނުލިބޭ ހިދުމަތްތައްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން ހިދުމަތް ފަށައި ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުއެވެ. އޭގެ ފަހުން 2021 ވަނަ އަހަރުގެ ނިޔަލަށް އެ ހޮސްޕިޓަލުން 45 ސީޓީ ސްކޭން ހަދާފައިވެއެވެ. މީގެ އިތުރުން މިހާތަނަށް އެ ހޮސްޕިޓަލުން ތިން މެމޮގްރަފީ އަދި 95 އޯޕީޖީގެ ހިދުމަތް ދީފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު