މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅައިލަން ހަދާ ތިލަމާލެ ބުރިޖުގެ މަސައްކަތް ފަށަން އިންޑަސްޓްރިއަލް ވިލެޖުން ބިމެއް މިއަދު ހުސްކޮށްފިއެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތަށް ހުސްކޮށްފައިވަނީ ސިފައިންގެ ކަޅުތުއްކަލާ ކޮށި ކުރިމަތިން އޮންނަ ބިމެވެ. ޕްލޭނިން މިނިސްޓްރީން ބުނީ، އެ ބިން ހުސްކޮށްފައިވަނީ ތިލަމާލެ ބުރިޖުގެ މަސައްކަތަށް ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު މައުލޫމާތެއް ނުދެއެވެ.

މިއަހަރުގެ ކުރީކޮޅު ތިލަމާލެ ބުރިޖުގެ މަސައްކަތް ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ތިލަމާލެ ބުރިޖު އެޅުމަށް ހަދަންޖެހޭ ސާވޭގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ރާއްޖޭގައި އިންޑިއާ އިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއުގެ ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

ތިލަމާލެ ބުރިޖަކީ މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި ގުޅިފަޅު ތަަރައްގީކުރުން ވެސް ހިމެނޭ ބޮޑު ޕްރޮޖެކްޓެއްގެ އެއްބައެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން މަސައްކަތް ކުރިއަށްގެންދާ މި ބުރިޖުގެ ފުރަތަމަ ފިޔަވަހީގައި މާލެ އާއި ވިލިމާލެއާ ގުޅުވައިލާނެއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ދައުރު ނިމުމުގެ ކުރިން ފުރަތަމަ ފިޔަވަހި ނިންމައިލުމެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތް ފެށޭނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.