ބ. ކުޑަރިކިލުގައި ހުމާއި ބޭރަށް ހިންގުން ފެތުރެމުންދާއިރު އެރަށުގައި ޑޮކްޓަރެއް ނެތި ހަފުތާއެއްވެފައިވާތީ އެރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލް ހަންނާނު އިދުރީސް "ވަން" އަށް މިއަދު ވިދާޅުވީ އެރަށުގައި މިދިޔަ ހަފުތާއިން ފެށިގެން ވަރަށް ބޮޑަށް ވައިރަލް ހުމާއި ބޭރަށް ހިންގުން ފެތުރެމުންދާ ކަމަށާއި ނަމަވެސް ބަލި މީހުން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމެއް ރަށުގައި މިވަގުތު ހަމަޖެހިފައި ނެތް ކަމަށެވެ.
"ޑޮކްޓަރު މިވަގުތުވީ ޗުއްޓީއަށް ގޮސްފައި. އެއްވެސް ރިޕްލޭސްމަންޓެއް ހަމަޖައްސައެއް ނުދޭ ޑޮކްޓަރު ފުރައިގެން ދިޔައިރު. އެހެންވެ ޑޮކްޓަރެއް ނެތް މިރަށުގައި މި މަހުގެ ދިހައެއްގެ ފަހުން،" ހަންނާނު ވިދާޅުވިއެވެ.
ހަންނާނު ވިދާޅުވީ ބަލި ޖެހިގެން މިހާތަނަށް ކުޑަކުދިން ހިމެނޭހެން ވިއްސަކަށް މީހުން ފަރުވާ ހޯދައިފައިވާ ކަމަށާއި ބަލި ޖެހޭ މީހުންގެ ތެރެއިން ގިނައީ ކުޑަކުދިން ކަމަށެވެ.
"މިހާރު މިޖެހެނީ އޮންލައިންކޮށް ޑޮކްޓަރަށް ދައްކަން. ބައެއް މީހުން ދައްކާ އައިޖީއެމްއެޗަށްވެސް އޮންލައިންކޮށް. ދެން އަނެއްބައި މީހުން ފުރައިގެން އެކި ރަށްރަށަށް މި ދާން ޖެހެނީ ރަށުގައި ޑޮކްޓަރެއް ނެތީމަ،" ހަންނާނު ވިދާޅުވިއެވެ.
ހަންނާނު ވިދާޅުވީ ބަލި ޖެހިގެން ބައެއް ކުދިން އެނދުމަތިކޮށްގެން ފަރުވާދޭން ޖެހިފައިވާ ކަމަށާއި އެކުދިންނަށް އެރަށު ސިއްހީ މަރުކަޒުގައި މިވަގުތު ތިބި ތިން ނަރުހުންގެ އެހީއާއެކު ފަރުވާގެ ކަންކަން ހަމަޖައްސަމުން އަންނަ ކަމަށެވެ.
ހަންނާނު އިތުރަށް ވިދާޅުވީ ޑޮކްޓަރެއް ނެތުމުން އެކަމުގެ ކަންބޮޑުވުން އަތޮޅު ކައުންސިލާއި ހެލްތު މިނިސްޓްރީގެ ސަމާލުކަމަށްވެސް ގެނެސްފައިވާ ކަމަށާއި މާދަމާ އެރަށަށް ޑޮކްޓަރަކު ފޮނުވައިދޭނެ ކަމުގެ ޔަގީންކަން އެފަރާތްތަކުން ދީފައިވާ ކަމަށެވެ.
ކުޑަރިކިލުގައި ވައިރަލް ހުމާއި ބޭރަށް ހިންގުން ފެތުރެމުންދާއިރު އެރަށުގައި ކޮވިޑަށް ޕޮޒިޓިވް ދެ މީހަކުވެސް އެބަތިއްބެއެވެ. އޭގެ ތެރެއިން އެކަކަކީ މާލެއިން އެރަށަށް ދިޔަ މީހެކެވެ. އަނެއް މީހަކީ އަލާމާތް ހުރެގެން ސާމަޕަލް ނެގި މީހެކެވެ. އެ ދެމީހުންވެސް ކަރަންޓީނު ކޮށްފައިވާއިރު، އެމީހުންގެ އެއްވެސް ކޮންޓެކްޓެއް ނެތް ކަމަށް ހަންނާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު