މިސްރުގެ ތަރި މުހައްމަދު ސަލާހް ޖެހި ގޯލާއެކު ގީނީ-ބީސާއޫ ބަލިކޮށް، މިސްރުން ގަދަ 16 ގެ އުންމީދު ދަމަހައްޓައިފިއެވެ.
އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގައި ރޭ މިސްރުން ކެމަރޫންގެ ގަރޫއޯގެ ރޯމްޑޭ އަޑީޖާ ސްޓޭޑިއަމްގައި ކުޅުނު މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ގްރޫޕް ޑީގައި މިހާތަނަށް މިސްރުން ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައިވާ އިރު، އެޓީމު މިވަގުތު އޮތީ ތިންވަނައިގައެވެ. ބާކީ ގްރޫޕް ސްޓޭޖުގައި އޮތީ ސޫދާނާ ދެކޮޅަށް ކުޅޭ މެޗެވެ. ސޫދާނުން ރޭ ނައިޖީރިއާ އަތުން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.
މުބާރާތް ރެކޯޑު ހަތް ފަހަރު ހޯދާފައިވާ މިސްރުން މެޗުގެ ފުރަތަމަ ހާފުގައި ގޯލަކާ ގާތަށް ޖެހިލިއެވެ. ނައިޖީރިއާ މެޗުގައި މާ ބޮޑު ތަފާތެއް ނުދެއްކުނު ސަލާހުގެ ދައުރުވެސް ރޭގެ މެޗުގައި ބޮޑުކޮށް ފެނުނު އިރު، އޭނާގެ ފަރާތުން ފުރަތަމަ ހާފުގައިވެސް ދެ ހަމަލާއެއް ފެނިގެން ދިޔައެވެ. އޭގެ އިތުރުން ސަލާހުގެ ހުރަހަކުން މުސްތަފާ މުހައްމަދު ޖެހި ބޯޅަވެސް އަމާޒުވީ ދަނޑިއަށެވެ.
މެޗުގެ ދެވަނަ ހާފުގައި މިސްރުގެ ކުޅުން ދަށް ނަމަވެސް މެޗު ނިމެން 21 މިނެޓަށް ވެފައި ވަނިކޮށް ސަލާހު ވަނީ މޮޅު ގޯލެއް ޖަހައި ލީޑު ނަގައިފައެވެ. އޭރިއާ ތެރޭގައި ހުރެ ސަލާހު ގޯލަށް ވައްދާލީ މަތިން އައި ބޯޅައެއް އެއް ފަހަރުން ގޯލަށް ޖަހައިގެންނެވެ.
މެޗުގެ ފަހު މިނެޓު ކޮޅުގައި މިސްރު ސަލާމަތްވީ ކިރިޔާއެވެ. 82 ވަނަ މިނެޓުގައި ގީނީ-ބީސާއޫގެ ބޯލްޑް އަރިމަތިން ވަދެ ޖެހި ބޯޅަ ގޯލުގެ ކަނަށް ވައްދާލި ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ އެ ގޯލަށް ފުރުސަތު ފަހި ކުރުމުގައި އޭނާ މިސްރުގެ ޑިފެންޑަރު އޮމަރް ކަމާލަށް ފައުލް ކުރި ކަމަށެވެ.
އޭގެ ފަހުން ގީނީ-ބީސާއުގެ މޮރޭޓޯ ކަސާމާ ޖެހި ބޯޅަ މަތަކުރީ މިސްރުގެ ގޯލްކީޕަރު މުހައްމަދު އެލް ޝެނާވީ އެވެ.
ރޭ ނައިޖީރިއާ އިން 3-1 އިން ސޫދާން ބަލިކުރި މެޗުގައި ނައިޖީރިއާގެ ގޯލުތައް ޖަހައިދިނީ ސެމިއުލް ޗުކުވޭޒާގެ އިތުރުން ޓައިވޯ އަވޮނީޔީ އަދި މޯސެސް ސިމޮން އެވެ. ސޫދާނުން ޖެހި ގޯލަކީ އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ވަލީލްދިން ހިދިރް ޖެހި ގޯލެކެވެ. ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެމެޗުން މޮޅުވެ ނައިޖީރިއާ އަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، އެޓީމަށް ވަނީ ގަދަ 16 ޔަގީން ވެފައެވެ.
18:00 ގަމްބިއާ - މާލީ
21:00 އައިވޮރީ ކޯސްޓް - ސިއޭރާ ލެއޯން
21:00 ޓިއުނީޝިއާ - މޮރިޓާނިއާ
00:00 އަލްޖީރިއާ - އިކުއެޓޯރިއަލް ގީނީ
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު