ހުޅުމާލޭގައި މިއަދު ހުޅުވަން ހަމަޖެހިފައިވާ މެރީ ބްރައުންގެ އާ އައުޓްލެޓް، ކޮވިޑްގެ ސަބަބުން ހުޅުވުން ފަސްކޮށްފިއެވެ.

ރާއްޖެއަށް ގިނަ ފްރެންޗައިޒް އައިޓްލެޓުތައް ގެންނަ މަޝްހޫރު ވިޔަފާރިވެރިޔާ އާމިރު މަންސޫރު މިއަދު "ވަން" އަށް ވިދާޅުވީ ރާއްޖޭގައި ކޮވިޑުގެ ހާލަތު މިހާރު ވަރަށް ބޮޑަށް ގޯސްވެފައިވާތީ މެރީ ބްރައުންގެ އާ އައުޓްލެޓް ހުޅުވުން މިހާރު ފަސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެތަން ހުޅުވާނެ ތާރީހެއް އޭނާ ހާމައެއް ނުކުރައްވައެވެ.

"ކޮވިޑުގެ ކޭސްތައް ވަރަށް ބޮޑަށް މިވަނީ އިތުރުވެފަ. އެހެންވެ އަޅުގަނޑުމެން ނިންމީ ހުޅުމާލެ މޭރީ ބްރައުން ހުޅުވުން ފަސްކޮށްލަން. އެޗްޑީސީން ބޭނުންވަނީވެސް އެގޮތް. އެކަމަކު ދެން އެތަން ހުޅުވާނެ ތާރީހެއް އަދި ކަނޑައެއް ނާޅަން،" އޭނާ ވިދާޅުވިއެވެ.

މާލޭގައި ވެސް އައުޓްލެޓެއް ހިންގާ މޭރީބްރައުން ހުޅުވަން ތައްޔާރު ވަނީ ހުޅުމާލޭ ފެރީ ޓާމިނަލާ އިންވެގެން ހުންނަ ފްލެޓްތައް ކުރިމައްޗަށް ވާގޮތަށް "ވޯޓާސް އެޖް"ގައެވެ.

ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އާމިރު މަންސޫރު ވިދާޅުވީ މެރީ ބްރައުންގެ އައުޓްލެޓް ޑިޒައިން ކޮށްފައިވަނީ މާލޭގެ ހުންނަ މޭރީ ބްރައުންއަށްވުރެ އެތައް ގުނަ ރީތިކޮށް ކަމަށެވެ.

ވޯޓާސް އެޖް އިމާރާތުގައި މޭރީ ބްރައުންގެ އައުޓްލެޓެއްގެ އިތުރުން ޕިއްޒާ މިއާ އާއި ސީކްރެޓް ރެސިޕީގެ އައުޓްލެޓެއްވެސް ހުޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޔޫކޭގެ މަޝްހޫރު ކޮފީ ރިބަޕްލިކްގެ އައުޓްލެޓެއް ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. އަދި އަންނަ އެޕްރީލް މަހުގެ ތެރޭގައި ކޮފީ ރިޕަބްލިކްގެ އައުޓްލެޓް ހުޅުވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.