އައްޑޫ ސިޓީގައި ހިންގަމުން ދިޔަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ނުވަތަ އައްޑޫ ފްލައިން ސްކޫލުން ޕައިލެޓް ލައިސަންސް ކޯސް ފުރިހަމަކުރަމުންދިޔަ ދަރިވަރުންނަށް، މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ (އެމްއޭއޭ) ގައި ރިފްރެޝާ ޕްރޮގްރާމު ފުރިހަމަކުރުމަށް ލޯނު ދޭން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ހަޔާ އެޑިއުކޭޝަނުން މިއަދު ބުނީ، ލޯން ފުރުސަތަށް ކުރިމަތިލެވޭނީ އޭއޭޭއޭގައި ޕައިލެޓް ލައިސަންސް ފުރިހަމަކުރަމުންދިޔަ ދަރިވަރުންގެ ތެރެއިން މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ކޯހުގެ ބާކީބައި ފުރިހަމަކުރުމަށް ހަދަންޖެހޭ ރިފްރެޝާ ޕްރޮގްރާމުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި މި ފުރުސަތުގެ ދަށުން ލޯނު ފައިސާ ދޫކުރާނީ ރިފްރެޝާ ޕްރޮގްރާމު ގެ ފީ ކަމަށް ވެސް ބުންޏެވެ.
މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ލޯނަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.
ރިފްރެޝާ ޕްރޮގްރާމުގެ މުއްދަތަކީ ހަތް ހަފުތާއެވެ. މި ޕްރޮގްރާމުގައި އެއް ގަޑިއިރުގެ އެއާ ކްރާފްޓު ޓްރޭނިން ފުރިހަމަކުރުމުގެ ބައެއް ހިމެނިގެންދާނެ ކަމަށް މޯލްޑިވިއަން އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން އުފެއްދި އެމްއޭއޭ އިން ވަނީ ބުނެފައެވެ.
އެމްއޭއޭގެ ކިޔެވުން ފަށާފައިވަނީ އިއްޔެއެވެ. އެ ސްކޫލުގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށާފައިވަނީ ސްޓޭޓް އޮފް ދަ އާޓް ލާނިން މޭނޭޖްމެންޓް ސިސްޓަމް (އެލްއެމްއެސް) އެވެ. އެލްއެމްއެސް ކޯސް ކުރިއަށްގެންދިއުމަށް ސިވިލް އެވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ވަނީ ހުއްދަދީފައެވެ. ފްލައިން ސްކޫލުގެ ރިފްރެޝާ ޕްރޮގްރާމުގެ ފުރަތަމަ ބެޗްގެ ކިޔެވުން 35 ދަރިވަރުންނާއެކު ކުރިއަށްގެންދަނީ އޮންލައިންކޮށެވެ.
އެ ޕޮރޮގްރާމުގައި 150 ގަޑިއިރުގެ ތިއަރީ ކްލާހާއި ދިހަ ގަޑިއިރުގެ ފްލައިން ކުރިއަށް ގެންދާނެއެވެ. ތިއަރީ ކްލާސްތައް ކުރިއަށްގެންދަން ނިންމާފައިވަނީ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް މެންފުރު ފަހު 1:00 އިން ހަވީރު 6:00 އަށެވެ. ފްލައިންތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ރިފްރެޝާ ޕްރޮގްރާމުގައި ދަރިވަރުންގެ ފެންވަރު ބަލައި ވަޒަން ކުރުމަށްފަހުއެވެ.
އެމްއޭއޭ އިން ކޮންމެ އަހަރަކު 80 ކުދިންނަށް ޖާގަ ދޭން ނިންމާފައިވާ އިރު، ފުރަތަމަ ބެޗުން ޖާގަ ދިނުމުގައި އިސްކަން ދީފައިވަނީ އެކި ސަބަބުތަކާ ހުރެ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނަށެވެ.
އެމްއޭއޭގެ ނަމުގައި ހަދާފައިވާ ފްލައިން ސްކޫލު ރަސްމީކޮށް އިފްތިތާހުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެމްއޭއޭގެ ކޯސްތައް ހިންގުމުގައި އިސްކޮށް ހަރާކާތްރިވާނީ ޗެކް ރިޕަބްލިކްގެ ޕްލައިން ސްކޫލެއް ކަމަށްވާ ފްލައިން އެކެޑަމީންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު