ހުޅުމާލޭގައި ގާއިމުކުރުމަށް ނިންމާފައިވާ ދެވަނަ ކޮވިޑު ފެސިލިޓީ އަންނަ މަހު ހުޅުވޭވަރު ވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން މިހެން ބުނެފައިވަނީ އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑުގެ ހާލަތު މިހާރު އަނެއްކާވެސް ގޯސްވެފައިވާ އިރު، މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ހުޅުމާލޭގައި މިހާރު ގާއިމުކޮށްފައި ހުރި ކޮވިޑަށް ފަރުވާދޭ ފެސިލިޓީގެ އިތުރުން، އިތުރު ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަދި އަންނަ މަހު އެތަން ހުޅުވައި ހިދުމަތް ދެވޭވަރު ވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޮވިޑުގެ ފުރަތަމަ ރާޅާއެކުވެސް ގިނަ ބަޔަކު އެ ފެސިލިޓީގައި އެޑްމިޓު ކުރަން ޖެހުނެވެ. އަދި ދެވަނަ ރާޅާއެކު އެތަން ފުރޭ ވަރަށް މީހުން އެޑްމިޓް ކުރަންޖެހޭ ހާލަތަށް ދިޔައެވެ. މިހާރު އަނެއްކާވެސް ކޮވިޑުގެ ހާލަތު ގޯސްވެފައިވާ އިރު، އެޑްމިޓުކޮށް ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ ބިރު މިހާރު އޮތީ ހީވެފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ އަލަށް ގާއިމުކުރާ މި ފެސިލިޓީގައި 200 އެނދު ހުންނާނެ ކަމަށެވެ. މިހާރުވެސް ތައްޔަރީ ހާލަތުގައި 100 އެނދު ހުރިކަން ވެސް ވަނީ ފާހަގަކުރައްވައިފައެވެ.
ހުޅުމާލޭ ބުރިޖުން ފައިބައިގެންދާ އިރު، ފެންނަ އެ އިމާރާތަށް ކިޔަނީ "އޮރެންޖު ހިޔާ" އެވެ. އެ އިމާރާތަކީ މީގެ ކުރިން ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެވެ. އެތަން ކޮވިޑު ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެޗްޑީސީންނެވެ.
މިހާރު ހުޅުމާލޭގައި ގާއިމުކޮށްފައިވަނީ 240 އެނދުގެ ކޮވިޑު ފެސިލިޓީއެކެވެ. އެ ފެސިލިޓީ ގާއިމުކޮށްފައި ހުންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލް ކުރިމަތިން އޮންނަ ބިމެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު