ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ފުލުހަކާއެކު އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ހިއުމަން ޓްރެފިކިން މައްސަލައެއްގައި މިމަހުގެ ފަސް ވަނަ ދުވަހު ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 28 އަހަރާއި 65 އަހަރާ ދެމެދުގެ މީހުން ކަމަށް ވިދާޅުވިއެވެ.

އޮފިސަރު ވިދާޅުވީ އެ މީހުންގެ ތެރޭގައި ފުލުހަކުވެސް ހިމެނޭ ކަމަށާއި ޖިނާއީ ތަހުގީގު ކުރިއަށްދާތީ އެ ފުލުސް މީހާ މިހާރު ހުރީ މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑު ކޮށްފައި ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދެ މީހަކު 15 ދުވަހަށް ބަންދު ކުރުމަށް އަދި އަނެއް ދެ މީހުން 10 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް އޮފިސަރު ވަނީ ވިދާޅުވެފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މި މައްސަލައަކީ ފިލިޕީންސަށް ނިސްބަތްވާ އަންހެނަކު ރާއްޖެ ގެނެސް ހަށިވިއްކުވި މައްސަލައެކެވެ.