ކުލަގަދަ ރަސްމިއްޔާތަކާއެކު އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ރޭ ކެމަރޫންގައި ފަށައިފިއެވެ.

ފުރަތަމަ މެޗުގައި ކެމަރޫންއާއި ބުރްކީނޯ ފާސޯ ވާދަކޮށްފައިވާ އިރު، އެ މެޗުގެ ކުރިން ގާތް ގަނޑަކަށް އެއް ގަޑިއިރަށް ހުޅުވުމުގެ ރަސްމިއްޔާތު ދެމިގެން ދިޔައެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ސިފައިންގެ ޕެރޭޑަކާއެކު ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ އިރު، ރަސްމިއްޔާތުގައި ކެމަރޫންގެ ރައީސް ޕައުލް ބިޔާ ބައިވެރިވެ ވަޑައިގެންފައިވެއެވެ. ޕައުލް ބިޔާ ކެމަރޫންގެ ރައީސް ކަމުގައި ހުންނަވާތާ މިހާރު 39 އަހަރު ވަނީ ވެފައެވެ.

ސިފައިންގެ ހަރަކާތްތަކަށްފަހު އެފްރިކާގެ ސަގާފަތް ދައްކުވައިދޭ ނެށުންތަކާއި ހުށަހެޅުންތައް ދަނޑުމަތިން ފެނިގެން ދިޔަ އިރު، ސްޓޭޑް އޮމްނިސްޕޯޓް ޕައުލް ބިޔާ ސްޓޭޑިއަމް ފެނިގެން ދިޔައީ ފޯރީގައި އޮތް ތަނެވެ. ސްޓޭޑިއަމްގެ 80 ޕަސެންޓް ފުރެންދެން ސަޕޯޓަރުން ވައްދާފައިވާ އިރު، ބަޑިބޭހުގެ ކުޅިވަރުތައްވެސް ދަނޑުން ފެނިގެން ދިޔައެވެ.

ފުރަތަމަ މެޗުގައި ހޯމް ޓީމު ކެމަރޫނުން ބުރްކީނޯ ފާސޯ ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުން ކެމަރޫން މޮޅުވީ ފަހަތުން އަރައި ދެ ގޯލު ޖަހައިގެންނެވެ. އެ ދެ ގޯލަކީވެސް ކެމަރޫނަށް ލިބުނު ޕެނަލްޓީތަކުން ކެޕްޓަން ވިންސެންޓް އަބޫބަކުރު ޖެހި ދެ ގޯލެވެ.

މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ބުރްކީނޯ ފާސޯއިންނެވެ. ގުސްޓާވޯ ސަންގާރޭގެ ވޮލީއާއެކު ބުރްކީނޯ ފާސޯން ލީޑު ނެގީ އަރިމަތިން ބާޓްރެންޑް ޓްރެއޯރޭ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ހާފު ނިމުމުގެ ކުރިން އަބޫބަކުރުގެ ދެ ޕެނަލްޓީއާއެކު ކެމަރޫނުން ނަތީޖާ އަނބުރާލި އިރު، މެޗުން ތިން ޕޮއިންޓް ކެމަރޫނަށް ހޯދައިދިނުމަށް އަންދްރޭ އޮނާނާ ކުރި މޮޅު ސޭވްތައް ފާހަގަވިއެވެ.

ރޭ ވަނީ އެފްކޮންގެ ގުރޫޕް އޭގައި އިތުރު މެޗެއްވެސް ކުޅެފައެވެ. ކޮވިޑް-19ގެ ސަބަބުން ގިނަ ކުޅުންތެރިންތަކެއް ނުލައި މެޗަށް ނުކުންނަން ޖެހުނު ކޭޕް ވާޑޭން 10 ކުޅުންތެރިންނާއެކު މެޗުގެ ބޮޑުބައިގައި ކުޅުނު އިތިއޯޕިއާ ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. އޮލެމްބޭ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ހަމައެކަނި ގޯލު ކޭޕް ވާޑޭއަށް ޖަހައިދިނީ ޖޫލިއޯ ޓަވަރޭސްއެވެ.

18:00 ސެނެގާލް - ޒިންބާބުވޭ

21:00 ގިއުނީ - މަލާވީ

21:00 މޮރޮކޯ - ގާނާ

00:00 ކޮމޮރޯސް - ގެބޮން