އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ދެވަނަ ޑިވިޝަންގެ ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވެ، އާސެނަލްއިން މުބާރާތުން ކަޓައިފިއެވެ.

ރެކޯޑު 14 ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފައިވާ އާސެނަލްއިން ރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. މީގެ ހަތަރު އަހަރު ކުރިންވެސް ތިންވަނަ ބުރުގައި އާސެނަލްއާ ޖެހި ނޮޓިންހަމްއިން ވަނީ ހަތަރު ވަނަ ބުރަށް ދެމިގެންފައެވެ. 2018 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި އާސެނަލް ނޮޓިންހަމް އަތުން ބަލިވީ 4-2 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަށް އާސެނަލްއިން ނުކުތީ އެޑިޑާސްގެ މުޅިން ހުދު ޖާޒީއެއްގައެވެ. އެ ޖާޒީން އާސެނަލްއިން ދިން މެސެޖަކީ ލޭ އޮހޮރުވުމަށް ދޭ ވަޅީގެ ހަމަލާތަކާ އެ ކުލަބުން ދެކޮޅު ކަމުގެ މެސެޖެވެ. ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން ގޮސް، އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކާ ހަމައަށްވެސް އަރާފައިވާ އާސެނަލްގެ ފަރާތުން ރޭގެ މެޗުގައި އެޓީމުގެ ރަނގަޅު ފޯމެއް ނުފެނުނެވެ.

މެޗުގެ ފުރަތަމަ ކޮޅުން ފެށިގެންވެސް އާސެނަލްގެ ފަރާތުން ގޯސްތައް ފެނިގެން ގޮސްފައިވާ އިރު، ނޮޓިންހަމްއިން ދިޔައީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗު ނިމެން އެންމެ ހަތް މިނެޓަށް ވެފައި ވަނިކޮށް ނޮޓިންހަމްއިން ގޯލު ޖެހިއެވެ. އެ ގޯލަކީ ރަޔަން ޔޭޓްސްގެ ބޯޅައަކުން ލެވިސް ގްރަބަން ޖެހި ގޯލެކެވެ.

"ފެންނަން ޖެހޭ ކުޅުމެއް ނޫން އާސެނަލްއިން ފެނުނީކީ. އެކަމަށް ސަޕޯޓަރުން ކިބައިން މައާފަށް އެދެންޖެހޭ. މިއީ އާސެނަލްގެ ލެވެލްއެއްވެސް ނޫން. މިއަށްވުރެ ބޮޑަށް މެޗުން މޮޅުވާން މަސައްކަތް ކުރަންޖެހޭ. ކޮންމެ ހާލަތެއްގައިވެސް މެޗު ނަގަން ބުރަކޮށް މަސައްކަތް ކުރަންޖެހޭ. އެކަން ނުކުރެވުން އެއީ މެޗުން ފެނުނު މަންޒަރު،" ރޭގެ މެޗަށްފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ ރޭ ބަލިވި ކަހަލަ މެޗުތައް އުނދަގޫވާނެކަން ކުރީބައިގައި އެނގޭނެ ކަމަށާއި މެޗުތަކަށް މެންޓަލީ ނުކުންނަން ޖެހޭނީ އެކަން ދަނެ، ނަތީޖާ ނެރުމަށް އިތުރު ގޮތްތަކެއްވެސް ހޯދައިގެން ކަމަށެވެ. އެފްއޭ ކަޕަކީ އާސެނަލްގެ ތާރީހީ ވަރަށް ބޮޑަށް ގުޅިފައިވާ މުބާރާތެއް ކަމުން ރޭގެ ބައްޔާއެކު ވަރަށް ބޮޑަށް ދެރަވި ހިތާމަކުރާ ކަމަށްވެސް އާޓެޓާ ބުންޏެވެ.

ރޭ ކުޅުނު އެފްއޭ ކަޕްގެ އިތުރު މެޗުތަކަށް ބަލާލައި އިރު، ލިވަޕޫލުން ދަށް ޑިވިޝަންގެ ޝްރެސްބެރީ ބަލިކުރީ 4-1ގެ ނަތީޖާއަކުންނެވެ. ޓޮޓެންހަމްއިން 3-1ގެ ނަތީޖާއަކުން މޯކަންބޭ ބަލިކޮށް އަނެއް ބުރަށް ގޮސްފައިވާ އިރު، ވެސްޓްހަމްއިން ވަނީ 2-0ގެ ނަތީޖާއަކުން ލީޑްސްގެ މައްޗަށް ކުރި ހޯދައިފައެވެ. ވުލްވްސްއިން ދެވަނަ ޑިވިޝަންގެ ޝެފިލްޑް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.