ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް ޖެންޑާ މިނިސްޓްރީން އޭޖްޑް ކެއާ މޯލްޑިވްސްއާއެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމްއޯޔޫގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއެވެ. އޭޖްޑް ކެއާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) އަދި ފައުންޑާ ޑރ. އާމިނަތު ޖަމީލުއެވެ. މިއީ އެއް އަހަރު ދުވަހުގެ އެމްއޯޔޫއެކެވެ.
އެމްއޯޔޫގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި މަރުކަޒުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދޭ ހިދުމަތްތައް ރަނގަޅުކޮށް، ރައްކާތެރި އަދި ހިތްހަމަ ޖެހޭ މާހައުލެއް ގާއިމުކުރުން ހިމެނެއެވެ. އަދި މަރުކަޒުގެ ކެއާ ގިވާސްގެ ހުނަރު އިތުރުކުރުމަށް، ކޮންމެ ހަތަރު މަހަކުން އެއްފަހަރު ތަމްރީން ޕްރޮގްރާމު ހިންގުމާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުންނާއި މަޝްވަރާކޮށް، ފިޒިއޮތެރަޕީ/ ކަސްރަތު އަދި އެހެނިހެން ހަރަކާތްތައް ގަވާއިދުން ހިންގޭނެ ސްކެޑިއުލް ހެދުމަށް އެހީތެރިވެދިނުން ވެސް ހިމެނެއެވެ.
މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މުނިފޫހިފިލުވުމުގެ ހަރަކާތް ރޭވުމުގައި އެހީތެރިވެދިނުމުގެ އިތުރުން ޑައިޓީޝަނެއްގެ އެހީގައި ފައިދާ ހުރި ޑަޔެޓް ޕްލޭނެއް ހެދުމާއި ކޮންމެ ތިން މަހަކުން ރިވިއު ކުރުން ފަދަ ކަންކަން އެމްއޯޔޫގައި ވަނީ ހިމަނައިފައެވެ.
އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ މި އެމްއޯޔޫގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ދޮށީ އުމުރުގެ މީހުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށެވެ. އަދި އެމީހުން ބެލެހެއްޓުމަށް ތިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ފަރުމާކޮށް ހިންގުމަށް ހަމަޖެހިފައިވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ތަމްރީން ޕްރޮގްރާމްތަކަކީ ނުހަނު ބޭނުންތެރި ޕްރޮގްރާމްތަކެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އޭޖްޑް ކެއާއާއެކު ވެވުނު އެއްބަސްވުމުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުންދޭ ހިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރަސްމިއްޔާތުގައި އޭޖްޑް ކެއާ މޯލްޑިވްސްގެ ސީއީއޯ އަދި ފައުންޑާ، ޑރ. އާމިނަތު ޖަމީލު ވިދާޅުވީ ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއެކު ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އޭގެ ތެރެއިން ދޮށީ އުމުރުގެ މީހުންނަށް ދޭ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމަކީ ނުހަނު ބޭނުންތެރި ޕްރޮގްރާމަކަށްވުމުން އެކަމަކީ ރަނގަޅު ފެށުމެއް ކަމަށްވެސް ޑރ. އާމިނަތު ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޔޫޝައު ޝިހާން ވިދާޅުވީ އެމްއޯޔޫގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތް ކުރަމުން ގެންދާ މުވައްޒަފުންނަށް ސެޓިފައިޑް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގިގެން ދިއުމަކީ އެފަރާތްތަކަށް ލިބިގެންދާނެ ނުހަނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު