ރާއްޖޭގައި އަލަށް ފަށާފައިވާ "ހޯމްސްޓޭ" ޓޫރިޒަމްގެ ހިދުމަތް ގއ. ކޮލަމާފުށީގައިވެސް ފަށައިފިއެވެ.

"ވަން"އަށް މައުލޫމާތު ދެއްވަމުން ކޮލަމާފުށީ ކައުންސިލް މެންބަރު ރިޔާޒު ހުސައިން ވިދާޅުވީ އެރަށަށް އައި ހޯމްސްޓޭގެ ފުރަތަމަ ފަތުރުވެރިންނަކީ އޮސްޓްރޭލިއާގެ ދެމެފިރިން ކަމަށެވެ.

ކޮލަމާފުށީގަައި މިވަގުތު ހޯމްސްޓޭގެ ހިދުމަތް ދެމުން އަންނަނީ ނުރަސްމީކޮށްކަން ފާހަގަކުރައްވައި ރިޔާޒު ވިދާޅުވީ ރަސްމީކޮށް އެރަށުގައި ހޯމްސްޓޭގެ ހިދުމަތް މިމަހުގެ ފަހުކޮޅުގައި ފެށުމުގެ ތައްޔާރީތައްވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ރަސްމީކޮށް މި ހިދުމަތް ފައްޓަން، ހަފުލާއަކާއެކު. މިމަހުގު ފަހުކޮޅުގައި ރަސްމީކޮށް ފައްޓަން މިނިސްޓްރީއާއެކު ވާހަކަދައްކަމުން މިދަނީ،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ މިހާރުވެސް އެރަށުގެ ދެތިން ފަރާތަކުން ހޯމްސްޓޭ ހިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

ހޯމްސްޓޭ ޓޫރިޒަމް ރާއްޖެއަށް ތައާރަފުކުރީ މިމަހުގެ އެއްވަނަ ދުވަހު މ. ދިއްގަރުންނެވެ. އެރަށުގެ "މޫރިތި" ގެއަކީ ރާއްޖޭގައި ހޯމްސްޓޭ ފުރަތަމަ ފެށި ގެއެވެ. ރާއްޖޭގެ ހޯމްސްޓޭގެ ފުރަތަމަ ފަތުރުވެރިންނަކީ ސޫދާންގެ ދެމެފިރިންނާއި އެމެރިކާގެ ދެމެފިރިންނެވެ.

ހޯމްސްޓޭ ޓޫރިޒަމް މަޑުމަޑުން ފުޅާވަމުން އަންނައިރު މިފަހުން ވަނީ ކޮޅުމަޑުލު ބުރުންޏަށްވެސް ހޯމްސްޓޭއަށް ފަތުރުވެރިން ގެނެސްފައެވެ.