ޖެނުއަރީ 1953 އިން ފެށިގެން، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު، 17 ނޮވެމްބަރު 2018 އާ ދެމެދު ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުމަށް ގާނޫނުގެ ދަށުން އުފައްދާފައިވާ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތައް 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ކަނޑައެޅި މުއްދަތު އުވާލައިފިއެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ބަދަލު ނަގައިދިނުމުގައި ކޯޓުތަކުން އަމަލުކުރާނެ އިޖުރާއަތު ތަކާއި ބަދަލު ނަގައިދޭނެ އަދަދުތަކުގެ މިންގަނޑުތަކުގެ ގަވާއިދު އޮމްބަޑްސްޕާސަންގެ އޮފީހުން އާންމުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.
އެގަވާއިދުގެ 20 ވަނަ މާއްދާގައި ބުނެފައިވަނީ މި ގަވާއިދުގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލަތަކާމެދު ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި ގޮތެއް ނިންމައި ހުކުމް ކުރަންވާނެ ކަމަށެވެ.
ނަމަވެސް އެ ގަވާއިދަށް އިސްލާހު ގެނަސް މިދިޔަ ބުރާސްފަތި ދުވަހު އޮމްބަޑްސްޕާސަންގެ އޮފީހުން އާންމުކުރި އިސްލާހުގައި ވަނީ އެ ގަވާއިދުގައި ހިމެނޭ 20 ވަނަ މާއްދާ އުވާލައިފައެވެ.
އެހެންކަމުން އެ އޮފީހުން ތަހުގީގުކޮށް ކޯޓަށް ހުށަހަޅާ މައްސަލަތައް ނިންމުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި އޮތް އޮތުމަށް ނިމުމެއް އައީއެވެ.
އެ ގަވާއިދުގައި ބުނާގޮތުން އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލައެއްގައި ނުވަތަ އެ އޮފީހުގެ އަމިއްލަ އިސްނެގުމެއްގައި ބަދަލު ހޯދުމަށް ދައުވާކުރަންވާނީ ކޮން ފަރާތަކަށް ކަން ކަނޑައަޅާނީ އޮމްބަޑްސްޕާސަންގެ އޮފީހުންނެވެ.
ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާނީ އެކަމުގެ އިހުތިސޯސް ލިބިދީފައިވާ ކޯޓަކަށް ކަމަށާއި އެ މައްސަލަ ކޯޓަށް ހުށަހަޅާނީ ބަދަލު ހޯދުމަށް އެދި ކޯޓަށް ހުށަހަޅަން ވާނީ އޮމްބަޑްސްޕާސަންގެ އޮފީހުން ނިންމައިފައިވާ ނިންމުމަކާ އެކުގައި ކަމަށްވެސް ބުނެފައިވެއެވެ.
ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ކިބައިން ބަދަލު ނަގައިދިނުމަށް އެދި ހުށަހެޅޭނީ ބަންޑާރަ ނައިބަށް ކަމަށާއި އޮމްބަޑްސްޕާސަންގެ އޮފީހުން ގޮތެއް ނިންމާތާ ތިން މަސްދުވަހުގެ ތެރޭގައި އެ މައްސަލައަކާ ގުޅިގެން ދައުވާކުރުމަށް ކޯޓަށް ހުށަހަޅަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި މާލީ ބަދަލެއް ނަގައިދެވޭނީ ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސީދާ ނަތީޖާއެއްގެ ގޮތުން މީހެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ހިފެހެއްޓިއްޖެ ނަމަ، އެ އަމަލުގެ ޝިކާރައަކަށް ވި ފަރާތްތަކަށް ކަމަށްވެސް ބުނެފައިވެއެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން މައްސަލައަށް ގޮތެއް ނިންމާތާ ތިންމަސް ދުވަހުގެ ތެރޭގައި އެ މައްސަލައަކާ ގުޅިގެން ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅަންވާނެ ކަމަށްވެސް މި ގަވާއިދުގައި ބުނެފައިވެއެވެ.
މި ގަވާއިދުގައިވާ ގޮތުން ތިން ވައްތަރެއްގެ ގެއްލުމަށް ބަދަލު ނަގައިދެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލީ ގޮތުން ލިބިފައިވާ ސީދާ ގެއްލުމާއި ގުނަވަނެއް ނެތިދިއުމާއި ދާއިމީކޮށް ގުނަވަނެއް މަސައްކަތް ނުކުރުން ނުވަތަ ދާއިމީ ޖިސްމާނީ ގެއްލުމެއް ލިބުމެވެ. ދާއިމީކޮށް ނަފުސާނީ ގޮތުން ގެއްލުންވުން ނުވަތަ މަރުވެއްޖެ ނަމަ ވެސް ސީދާ ގެއްލުމުގެ ބަދަލު ނަގައިދޭނެއެވެ.
ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ބަލާނެ މިންގަނޑުތަކުގެ ތެރޭގައި ގެއްލުން ވި ތާރީހުން ފެށިގެން މިއަދާ ހަމައަށް ހިނގި މުއްދަތާއި މުޖުތަމައުގައި އެ މީހެއްގެ މަގާމަށް އައި ބަދަލަށް ބަލާނެ ކަމަށްވެސް ބުނެފައިވެއެވެ.
ނުސީދާ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ދާއިރާތަކަކީ ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން ނުވަތަ ވަޒީފާގައި ކުރިން ހުރި މަގާމަށް ރުޖޫއަ ކޮށްދިނުމާއި ސިއްހީ ފަރުވާ ނުވަތަ ނަފުސާނީ ފަރުވާ ފޯރުކޮށްދިނުމާއި ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު