ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ ހުޅުލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނި ހިންގުމާ ހަވާލުވެ ހުންނެވި، އިބްރާހިމް ތޯހާއެވެ.

އެއްބަސްވުމަށް ފަހު، މުޣުނީ ވިދާޅުވީ ސްޓެލްކޯއަކީ ގައުމަށްދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ އިސް ސަފުގައި މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި އެމްއޭސީއެލްއަކީ ގައުމުގެ އިގުތިސޯދަށް އެންމެ ބޮޑަށް ކޮންޓްރިބިއުޓު ކުރާ އެއް ކުންފުނި ކަމަށެވެ.

އެމްއޭސީއެލްގެ ކުރިއެރުމަކީ މުޅި ގައުމުގެވެސް ކުރިއެރުންކަން ފާހަގަކުރައްވައި މުޣުނީ ވިދާޅުވީ މިފަދަ ކޮންމެ ކަމެއްގައި އަދި ހާއްސަކޮށް ގައުމުގެ ތަރައްގީ އާއި ކުރިއެރުމާ ގުޅުންހުރި ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭން ސްޓެލްކޯއިން ފަސްނުޖެހޭނެ ކަމަށެވެ.

"އެމްއޭސީއެލްވެސް މިވަނީ ވޭތުވެދިޔަ ތަނުގައި އަޅުގަނޑުމެންނަށް ދިމާވި ދަތިތަކުގައި އެހީތެރިކަން ދެއްވާފައި. ހަމަ އެގޮތައް އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެންގެވެސް މޯރަލް އަދި އެތިކަލް އޮބްލިގޭޝަންއެއް އޮތްކަމަށް އެމްއޭސީއެލްއަށްވެސް ދަތިކަމެއް ދިމާވާ ވަގުތުގައި އެކަމަށް އެހީތެރިވެދޭން، އެގޮތުން އެމްއޭސީއެލްގެ ޕްރޮޖެކްޓް ޑިލޭވެގެން ދިއުމާއެއްކޮށް، އަޅުގަނޑުމެންނަށް ލިބޭ ހާއްސަ އުފަލެއް އެމްއޭސީއެލްއަށް މިކަން ކޮށްދެވުމަކީ،" މުޣުނީ ވިދާޅުވިއެވެ.

އެއްބަސްވުމަށް ފަހު، ތޯހާ ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މިވަގުތުވެސް ކުރަމުން އަންނަ ކަމަށާއި އެއާޕޯޓް އިތުރަށް ތަރައްގީކުރުމަށް ހަދާފައިވާ މާސްޓާ ޕްލޭންގައިވެސް ވަރަށް ގިނަ ޕްރޮޖެކްޓްތަކެއް ހިމެނޭއިރު، އެކަންކަމުގެ ތެރޭގައި ސްޓެލްކޯގެ ބައިވެރިވުން ވަރަށް މުހިއްމު ކަމަށެވެ.

މީގެ އިތުރުން ތޯހާ ވިދާޅުވީ އެމްއޭސީއެލުން ހުޅުލެއަށް ކަރަންޓު ދެމުންގެންދާއިރު، ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްނުދެވޭ ކަމަށެވެ.