ސަރުކާރުގެ ތަރައްގީގެ ސިޔާސަތުތައް ތަރުތީބުކޮށްފައި ވަނީ ތަރައްގީގެ ލާބަ އާއި ނަފާ ސީދާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މަގޫދުއަށް ވަޑައިގެން، އެރަށުގެ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވައިދެއްވައި ރައީސް ވިދާޅުވީ ހުރިހާ ރަށެއްގައިވެސް އަސާސީ ހިދުމަތްތައް ގާއިމު ކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ރައްޔިތުން ތިބީ އަސާސީ ގިނަ ހިދުމަތްތަކަކުން މަހުރޫމުވެފައި ކަމަށެވެ.

ފެނާއި ނަރުދަމާގެ ހިދުމަތާއި ސިއްހީ ފަރުވާގެ ހިދުމަތާއި ތައުލީމީ ނިޒާމު ފުރިހަމަކުރުމާއި ކަރަންޓުގެ ހިދުމަތް ފަދަ އަސާސީ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމު ކުރުމަށް މި ސަރުކާރުން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަސާސީ ހިދުމަތަކީ ކޮންމެ ފަރުދެއްގެ އަސާސީ ހައްގެއްގެ ގޮތުގައި ސަރުކާރުން ގަބޫލުކުރާ ކަމަށާއި އެހެންވެ އަމިއްލަ ރަށުން ލިބެން ނެތް ހިދުމަތްތައް، އެ ރަށެއް ހުރި ސަރަހައްދަކުން ފޯރުކޮށްދިނުމުގެ ގޮތުން ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފާއިތުވި ތިން އަހަރުގެ ތެރޭގައި ކަރަންޓުގެ ހިދުމަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ކަރަންޓު އުފެއްދޭ މިންވަރު ރެކޯޑްކުރެވިފައި ވަނީ 70 މެގަވޮޓްގައި ކަމަށާއި މިހާރު އެ އަދަދު ދެގުނަކޮށް، 140 މެގަވޮޓަށް އިތުރު ކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.