ކާޑިއެކް އެރެސްޓް ޖެހުނު ނަމަވެސް ވޯލްޑް ކަޕް 2022 ގައި ކުޅުމަށް ކުރަމުން އަންނަ އުންމީދަށް ހުރަހެއް ނެތް ކަމަށް ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ބުނެފިއެވެ.

ޑެންމާކުން ޔޫރޯ 2020 ގައި ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުން ވެގެން ދިޔައީ މުޅި ފުޓުބޯޅަ ދުނިޔެ "ޝޮކް" އަކަށް ދިޔަ ކަމަކަށެވެ. މެޗު އިމަޖެންސީގައި މެދު ކަނޑާލައި ގިނަ ކަންތައްތަކެއް ހިނގައި ދިޔައެވެ. ކުޅުންތެރިންނާއި ބަލަން ތިބި އެންމެންނަށްވެސް ނަފުސާނީ އަސަރުތަކެއް އެކަމުގެ ސަބަބުން ކޮށްފައިވެއެވެ. މެޗުގެ ބާކީ ބައި އެރޭ ކުޅުނީ އެރިކްސަންގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގެ ޔަގީންކަން ލިބުމުންނެވެ.

ހިތަށް އައިސީޑީއެއް ލައްވައި، 29 އަހަރުގެ އެރިކްސަން މިދިޔަ އޯގަސްޓް މަހު އެނބުރި އަސްލު ކްލަބު އިޓަލީގެ އިންޓަ މިލާނަށް ދިޔަ ނަމަވެސް، އިޓަލީ ލީގުގެ އުސޫލުތައް އޮންނަ ގޮތުން އެރިކްސަން އަށް އިންޓައަށް ކުޅެވޭނެ ގޮތެއް ނުވިއެވެ. އެހިސާބުން އެރިކްސަންގެ އެއްބަސްވުން އިންޓައިން އުވާލާފައިވާ އިރު، އޭނާ މިވަގުތު ތަމްރީނު ކުރަމުން އަންނަނީ އެންމެ ފުރަތަމަ ކުޅުނު ކްލަބް، ޑެންމާކްގެ އޮޑެންސީ ބޯލްޑްކްލުބް (އޯބީ)ގެ އެހީތެރިކަމާއެކު އެ ކްލަބުގައެވެ.

"އަހަރެން ބޭނުމީ ކުޅެން. ވޯލްޑް ކަޕަކީ ގޯލެއް. އުންމީދެއް، އެއީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް. އަހަރެން ސްކޮޑަށް ނެގުން އެއީ އަދި އެހެން ކަމެއް. އަހަންނަށް ޔަގީންކަން އެބައޮތް އަހަންނަށް އެނބުރި ދަނޑު މައްޗަށް ނުކުމެވޭނެ ކަމަށް. އެއީ ފިޒިކަލީ އަހަރެންގެ އެއްވެސް ތަފާތެއް ނެތް. ފިޒިކަލީ އަހަރެން މިހުރީ ތައްޔާރަށް،" އެރިކްސަން ބުންޏެވެ.

އެރިކްސަން ބުނީ ވޯލްޑް ކަޕަށް ވަގުތު އެބައޮތް ކަމަށާއި، އެހިސާބަށް ޖެހެންދެން ވެސް ވޯލްޑް ކަޕު ކުޅުމަށް ބުރަކޮށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އުންމީދަކީ ގައުމީ ޓީމަށް އެނބުރި ގޮސް ޑެންމާކުގެ ޕާކެން ސްޓޭޑިއަމްގައި ކުޅުން ކަމަށާއި، ބޭނުންވަނީ ގައުމީ ޓީމަށް ކުޅެވޭނެ ކަމުގެ ސާބިތުކަން ދިނުން ކަމަށްވެސް އެރިކްސަން ބުންޏެވެ.

އިޓަލީގައި ނުކުޅެވުނު ނަމަވެސް އެރިކްސަން އަށް އަދިވެސް އިނގިރޭސި ލީގުގައި ކުޅުމަށް ފުރުސަތު އެބައޮތެވެ. އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އެރިކްސަން ބުނީ އެނބުރި އިނގިރޭސި ލީގަށް، ޓޮޓެންހަމް އަށް ދިޔުން ވެގެންދާނީ އުފާވެރި ޓްރާންސްފާ އަކަށް ކަމަށެވެ. އެކަމަށް އެރިކްސަންގެ އެޖެންޓް ވެސް ވަނީ ވާހަކަ ދައްކައިފައެވެ. އެރިކްސަންގެ އެޖެންޓް މާޓިން ޝޫޓްސް ބުނީ އެނބުރި އިންގްލެންޑަށް ދިޔުން ވެގެންދާނީ އެރިކްސަން އާއި އޭނާގެ އާއިލާއަށް އެނބުރި "ހޯމް"އަށް ދެވުމުގެ އިހުސާސަކަށް ކަމަށެވެ.