ރަށްވެހިވެފައިވާ ރަށުގައި ނޫޅުނަސް ގެދޮރުވެރިޔާ ލޯނަށް އެދެވޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން މިދިޔަ އަހަރުގެ ޖޫން 14 ގައި "ގެދޮރުވެރިޔާ ލޯނު" އަށް އެދެން ހުޅުވައިލިއިރު ލޯނުގެ ޝަރުތެއްގެ ގޮތުގައި ރަށްވެހިވެފައިވާ ރަށުގައި ދިރިއުޅޭތާ މަދުވެގެން ތިން އަހަރު ވެފައިވާ މީހަކަށް ވާން ޖެހެއެވެ.

އެޗްޑީއެފްސީން މިއަދު ބުނީ "ގެދޮރުވެރިޔާ ލޯން" ޕްރޮގްރާމްގައި ހިމެނޭ ޝަރުތުތަކުގެ ތެރޭގައިވާ "ރަށްވެހިވެފައިވާ ރަށުގައި ދިރިއުޅޭތާ މަދުވެގެން 3 އަހަރު ވެފައިވުން" މި ޝަރުތު އުނިކުރުމަށް މިދިޔަ މަހުގެ 27 ގައި ހައުސިން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އެހެންވެ އެ ޝަރުތު ފުރިހަމަ ނުވެގެން ކުރިން ލޯނު ދޫނުކުރާ ގޮތަށް ނިންމި މީހުން ވެސް އަލުން ލޯނު ބޭނުން ނަމަ، ފޯމު ހުށަހެޅުމުން އެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.

ގެދޮރުވެރިޔާ ލޯން ސްކީމްގެ ލޯން ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެއެއް އަޅަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ނުވަތަ ގެ އިމާރާތް ކުރުމަށެވެ. އަދި މީގެ ގްރޭސް ޕީރިއަޑަކީ 12-15 މަހުގެ މުއްދަތެކެވެ.

މި ލޯން ސްކީމްގެ އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ. އަދި ލޯނުގެ ގޮތުގައި އެންމެ ގިނައިން ދޫކުރަން ނިންމާފައި ވަނީ 700,000 ރުފިޔާއެވެ. މި ލޯން ދައްކައި ނިންމަން ޖެހޭނީ ގިނަވެގެން 20 އަހަރުގެ ތެރޭގައެވެ. އަދި އަލަށް އިމާރާތް ކުރަން ލޯނަށް އެދޭނަމަ، އެ ފަރާތުން މުޅި ޕްރޮޖެކްޓުގެ 20 ޕަސެންޓް ހަރަދު ލާން ޖެހެއެވެ.

ލޯނަށް އެންމެ ގިނަވެގެން މަހެއްގެ މައްޗަށް ދައްކަން ޖެހޭނީ 6000 ރުފިޔާ އަށް ވުރެ ކުޑަ އަދަދެކެވެ. އެއީ 15 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5907 ރުފިޔާއެވެ. 16 އަހަރުން ނަމަ މަހަކު ދައްކަން ޖެހޭނީ 5680 ރުފިޔާއެވެ. 17 އަހަރުން ނަމަ މަހަކު 5485 ރުފިޔާ ދައްކަން ޖެހޭނެއެވެ. 18 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5307 ރުފިޔާއެވެ. އަދި 19 އަހަރުން ދައްކާނަމަ 5153 ރުފިޔާ އަދި 20 އަހަރުން ދައްކާނަމަ 5015 ރުފިޔާއެވެ.

ސަރުކާރުން އިއުލާނުކޮށްފައިވާ "ގެދޮރުވެރިޔާ ލޯން" ސްކީމަށް މިހާތަނަށް ކަނޑައަޅާފައިވަނީ 150 މިލިއަން ރުފިޔާއެވެ.