މ. ދިއްގަރުން، އަލީ ޔާމީން، ވަން އޮންލައިން
ރާއްޖޭގައި އިއްޔެ އަލަށް ފެށި ހޯމްސްޓޭ ޓޫރިޒަމްގެ ސަބަބުން ގެސްޓްހައުސް ވިޔަފާރިއަށް ގެއްލުމެއް ނުވާނެ ކަމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވެއްޖެ އެވެ.
ހޯމްސްޓޭ ފެށުމަށް އިއްޔެ މިރަށުގައި ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ، މީގެ 11 އަހަރު ކުރިން ކ. މާފުށީގައި ލޯކަލް ޓޫރިޒަމް ފަށައިގަތްއިރު، އޭނާއަކީ އިސްކޮށް ހަރަކާތްތެރިވި މީހެއް ކަމަށާއި ލޯކަލް ޓޫރިޒަމްގެ ސަބަބުން ރިސޯޓުތަކަށް ގެއްލުންވާނެ ކަމަށް ގަބޫލުކުރި ބަޔަކު އެއިރުވެސް ތިބި ކަމަށެވެ. ނަމަވެސް ލޯކަލް ޓޫރިޒަމްގެ ސަބަބުން ރިސޯޓުތަކަށް ވީ ފައިދާކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި ހޯމް ސްޓޭ ޓޫރިޒަމްގެ ސަބަބުން ގެސްޓް ހައުސްތަކަށް ދިމާވާނެ އެއްވެސް ހުރަހެއް ނޯންނާނެ. ދެހާސް ދިހަވަނަ އަހަރު ގެސްޓް ހައުސް ތައާރަފު ކުރުމުން ރިސޯޓުތަކަށް ގެއްލުން ވާނެ ކަމަށް ދެކުނު ބަޔަކު ވެސް އުޅުނު، އެކަމަކު ކިހިނެއްތޯ ވީ؟ ގެސްޓް ހައުސްގެ ސަބަބުން ރިސޯޓުތަކަށް ލިބުނީ އިތުރު އާމްދަނީއެއް. ގެސްޓްހައުސްގެ ސަބަބުން އޮކިއުޕެންސީ ވެއްޓުން އެންމެ ރިސޯޓެއްވެސް ނެތް" ނަޝީދު ވިދާވިއެވެ.
ނަޝީދު ވިދާޅުވީ، ގެސްޓްހައުސެއް ހެދިޔަސް ފަތުރުވެރިން އަދި ނާންނާނެ ކަމަށާއި ކޮންމެ ތަނަކަށްވެސް ފަތުރުވެރިން އަންނަނީ އެތަނެއްގެ ހުރި ލޮކޭޝަނާއި އެތަނަކުން ލިބޭނެ ހިދުމަތްތަކާއި ރާއްޖޭގެ ރީތިކަމާއި ކަނޑުއަޑީގެ ރީތިކަން ލިބޭނެ ގޮތްތައް ދުނިޔޭގެ ކަންކޮޅުތަކުގައި މާކެޓް ކޮށް އިޝްތިހާރުކޮށްގެން ކަމަށެވެ.
"ހިތްވަރެއް ހުރިއްޔާ ހޯމްސްޓޭ ފަށައިގެން، އެއްކޮޓަރިން، ދިހަ ކޮޓަރީގެ ގެސްޓްހައުސެއް އަޅައިލެވޭނެ ދުވަހެއް އަދި އަންނާނެ" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، ފަތުރުވެރިކަން ކުރިއަރުވަން އެރަށެއްގައި ރީތި ބީޗެއް އޮންނާކަށް ނުޖެހޭ ކަމަށާއި މުހިންމީ ދޭ ހިދުމަތް ކަމަށެވެ
ޚަބަރު
ޚަބަރު
ޚަބަރު