ހޯމްސްޓޭގެ ސަބަބުން ރާއްޖޭގެ އިސްލާމީ، އިޖްތިމާއީ ޝަހްސު ފުނޑުފުނޑުވެގެން ގޮސްދާނެކަމުގެ ބިރުވެރިކަން ހާމަކުރުމުގެ ގޮތުން ޖަމްއިއްޔަތުއް ސަލަފުން ބަޔާނެއް ނެރެފިއެވެ.

ސަލަފުން އިއްޔެ ނެރުނު މި ބަޔާނުގައި ތަފާތު ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޒަމާނުއްސުރެ ދިވެހިންނަކީ ރިވެތި އަހުލާގާއި ހަރުދަނާ ދިރިއުޅުމުގެ ސާދާ ވައްޓަފާޅިއަކަށް ދިރިއުޅެމުން އައިސްފައިވާ ސައްތައިން ސައްތަ އިސްލާމީ ސުންނީ މުޖުތަމައަކަށް ވެފައި، ފުދުންތެރިކަން އިތުރުކޮށް ތަރައްގީގެ މަގުގައި ގައުމު ފިޔަވަޅުތައް އަޅަމުން މިހާ ހިސާބަށް އައިސްފައިވާއިރުވެސް ދިވެހިވަންތަ ވައްޓަފާޅި ދެމެހެއްޓުމަށް އިސްކަންދީފައިވާ ކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން 1972 ގައި ފަތުރުވެރިކަން ތައާރަފުކުރިއިރުވެސް ފަޅުރަށްރަށުގައި ރިސޯޓު ހަދާފައިވުމާއި މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ޒިޔާރަތް ކުރާއިރު ހެދުން އެޅުމާއި އެހެނިހެން ކަންކަމުގައިވެސް އެ މީހުން އަމަލުކުރަން ޖެހޭ ގަވާއިދުތަކެއް އެކަށައަޅާފައިވާކަމާއި، އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުން އެތައް އަހަރުތަކަކަށް މަނާކޮށްފައި އޮތް އޮތުންވެސް ފާހަގަކޮށްފައިވެއެވެ.

އެހެން ނަމަވެސް ތަރައްގީގެ ނަމުގައި، މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ތައާރަފުކޮށް ބަނގުރާ އާއްމުކުރުމަށް ހައްދުފަހަނައަޅާފައިވާ ލާދީނީ ބާރުތަކުން މަސައްކަތް ކޮށްފައިވާކަން މާޒީން ފެންނަން އޮތް ކަމަށް ބުނެފައިވެއެވެ. އަދި އޭގެ ބައެއް ކަންކަން ރައްޔިތުން ނުކުމެ ހުއްޓުވާފައިވާއިރު އަނެއްބައި ކަންކަން ފައިސާގެ ދަހިވެތިކަން ދައްކައިގެން ރައްޔިތުން ލައްވައި ކުރަމުންދާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެގޮތުން ބައެއް ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާކޮށް ހިންގަމުން އަންނައިރު އޭގެތެރެއިން ލިބޭ އިގްތިސާދީ ނަފާއަށްވުރެ ރަށުގެ އަހުލާގީ ފޭރާން ވީދި ހަފުސްވެ، ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމާއި ސާދާ ތާހިރު ދިރިއުޅުން ނެތި ބައެއް މުޖުތަމައުތައް ހަލާކުވަމުންދާ ކަމަށާއި، އަދި އިއްޔެ އެފަދަ ވިޔަފާރިތަކުން ލިބޭ ނަފާއަށް ބަލައި އެކަންކަމަށް ތާއިދުކުރި އެތައް ބަޔަކަށް ހެޔޮވިސްނުން ލިބި ގެސްޓް ހައުސް ވިޔަފާރީގެ ސަބަބުން ލިބޭ އެހެން ގެއްލުންތަކާ މެދު ކަންބޮޑުވުންތައް އެކިއެކި ސިފަސިފައިގައި ފާޅުކުރަން ފަށާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އެހެންކަމުން 2022 ވަނައަހަރު މީހުން ދިރިއުޅޭ ރަށްރަށުގެ ގޯތި ގެދޮރުތަކުގައި "ހޯމް ސްޓޭ" ތައާރަފުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަކީ މާދުރު ނޫން މުސްތަގުބަލެއްގައި މި އިސްލާމީ ގައުމުގެ ކުރިއަށް އޮތް ޖީލުގެ އަހުލާގިއްޔާތަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބިގެންދާނެ ކަމެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި މުޖުތަމައުގައި ހެޔޮކަންކަމަށް އަމުރުކުރުމާއި، މުންކަރާތްތަކާއި އެކަންކަމަށް ހުޅުވޭ އެންމެހައި ދޮރުތައް ބަންދުކޮށް އިސްލާމީ މުޖުތަމައު ހެޔޮރަނގަޅު މުޖުތަމައެއްގެ ގޮތުގައި ހިފެހެއްޓުމީ އިސްލާމީ ގައުމެއްގެ ވެރިއެއްގެ ހައިސިއްޔަތުން ރައީސުލް ޖުމުހޫރިއްޔާއާ މަތިކުރެވިފައިވާ ޝަރުއީ އަދި ދުސްތޫރީ ޒިންމާއެއް ކަން ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުންވެސް ގެސްޓުހައުސްގެ ގޮތުގައި ފަރުތުވެރިންނަށް ހިދުމަތް ދިނުމަށް ވަކިވަކި ތަންތައް ހަދައި ހިންގަމުންދިޔުމުގެ ސަބަބުން ރަށްރަށުގައި މުންކަރާތައް އާންމުވަމުންދާ ކަމަށާއި، އަދި މީހުން ދިރިއުޅޭ ގޭގޭ ތެރޭގައި މިކަން ތައާރަފު ކުރުމަކީ އޭގެ ސަބަބުން އެބައެއްގެ ހިމާޔަތާއި ރައްކާތެރިކަމުގައި ޖާނާއި މާލުން ގުރުބާން ވާން ޖެހޭ، އަހުލުންނާއި، ދަރިންގެ އިއްފަތާއި، އަބުރުގެއްލި، އާއިލާތައް ރޫޅި، މިގައުމުގެ އިސްލާމީ ސަގާފަތް ގެއްލިގެން ދާނެކަމެއްކަމެއްކަންވެސް އެ ބަޔާނުގައި ބުނެއެވެ.

އެހެންކަމުން ފައިސާގެ ދަހިވެތިކަމުގައި، އެމީހެއްގެ ލޯބިވާ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ލޯބިވާ އަންހެން ނުވަތަ ފިރިހެން ދަރިފުޅާއެކު، އެއްވެސް ހުރަސްވެރިކަމެއް ނެތި، އެއް ސިޓިން ރޫމުގައި، އެއް އުނދޯލީގައި އެއްތަށިމަތީގައި، ހީސަމާސާކޮށް ހަނގާ ކުރެވޭ ބައެއްގެ ގޮތުގައި، ދީނާއި، އަހުލާގާއި ސަގާފަތާއި ބީރައްޓެހި، ބޭރުކަރަކަރަ އާއި ވިލާތުގެ މީސްމީހުންގެ އަތްމައްޗަށް ދޫކޮށްލުމީ ދައްޔޫސުންގެ ގޮތުގައި ހިމެނިގެންދާނެ ކަމެއްކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި އެއީ ކޮންމެ ފަރުދަކާ މާތް ﷲ ގެ ޝަރީއަތުން މަތި ކުރައްވާފައިވާ ޝަރުއީ ޒިންމާ ބޮލާލައި ޖެހުންކަމުގައި އެ ބަޔާނުގައި ވެއެެވެ.

ހޯމްސްޓޭ ތައާރަފު ކުރުން ހުއްޓާލުމަށްވެސް ސަލަފުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި ދަނޑުވެރިކަމާއި މަސްވެރިކަމާއި ކުދިފަންތީގެ އެހެނިހެން ވިޔަފާރިތައް ފުޅާކޮށްދިނުމަށް ސަރުކާރުން އިސްނެގުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދ ލިބޭ މާލީ މަންފާއަށް ޓަކައި ދަރިންގެ މުސްތަގުބަލު ނުރައްކަލުގެ ތެރެއަށް ވައްޓައި ނުލުމަށާއި، ހަލާލުގޮތުގައި ބޮޑު ނަފާ ލިބޭ އެހެން ދާއިރާތަކާއި ވިޔަފާރިތަކަށް މިސްރާބު ޖަހައި، ގައުމުގެ ދީނާއި ދިވެހިންގެ ރިވެތި ދިރިއުޅުމުގެ ސާދާ އިސްލާމީ ވައްޓަފާޅި ސަލާމަތް ކުރުމަށް ހޯމްސްޓޭ ފަތުރުވެރިކަމުން ދުރުހެލިވުމަށް ގޮވާލައިފައިވެއެވެ.