އެމްޑަބްލިޔުއެސްސީން ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށްގެންދާނީ ދިވެހިން ލައްވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހް ވިދާޅުވީ، އެމްޑަބްލިޔުއެސްސީން މަސައްކަތް ކުރަނީ ސަރުކާރުގެ ޕޮލިސީތަކާ އެއްގޮތަށް މަސައްކަތް ކުރުމަށް ކަމަށާއި އެގޮތުން ދިވެހި މުވައްޒަފުން ލައްވާ މަސައްކަތްތައް ކުރުމަކީ ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ބޮޑަށް ބެލި އެއްކަމަކީ، އެމްޑަބްލިޔުއެސްސީއާ ހަވާލުކުރި މަސައްކަތްތައް އަޅުގަނޑުމެން ކުރުވާނީ ރާއްޖޭގެ ލޯކަލް ކޮންޓްރެކްޓަރުން ލައްވައޭ. ރާއްޖޭގެ ދިވެހިން ލައްވައޭ." ޝާހް ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ، ޓެކްނިކަލް ބައެއް ވަޒީފާތަކަށް ދިވެހިން ނުލިބޭތީ، ބިދޭސީން ގެންނަން ޖެހޭ ކަމަށެވެ.

"އެމްޑަބްލިޔުއެސްސީން ފެނުގެ މަސައްކަތް ކުރާ ކޮންމެ ރަށެއްގައިވެސް އަޅުގަނޑުމެން އެބަ އުފައްދަން 8 ނުވަތަ 15 ވަޒީފާ. ކައުންސިލްތަކުން އެބަ ބުނޭ ވަރަށް އުފާވެއޭ ޒުވާނުންނަށް ވަޒީފާ ލިބޭތީ. ކޮންމެ ގެއަކަށް އެބަ ވަދެއޭ އަށެއް ނުވަތަ ދިހަ ވަަރަކަށް ހާސް ރުފިޔާ" ޝާހް ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ، އެމްޑަބްލިޔުއެސްސީން މަސައްކަތްކުރާނީ ރާއްޖޭގެ އިގްތިސޯދުގެ ތެރޭގައި ފައިސާ ދައުރުވާނެ ގޮތަކަށް ކަންކަން ކުރުމަށް ކަމަށެވެ.

ޝާހް އިތުރަށް ވިދާޅުވީ، އެކުންފުނިން ކުރާ ކޮންމެ މަސައްކަތްތަކީވެސް ރައްޔިތުން ބޭނުންވާ ގޮތަށް ފެންވަރު ރަނގަޅުކޮށް ކުރާ މަސައްކަތެއް ކަމަށެވެ.