ކ. ހިންމަފުށީގައި ބޭއްވި ފުރަތަމަ އިންޓަ އޮފީސް ފުޓްސަލް މުބާރާތުގެ އަންހެން ޗެމްޕިއަންކަން ކައުންސިލް ފުޓްސަލް ޓީމުން އަދި ފިރިހެން ޗެމްޕިއަންކަން ސީއެމްއެފްއިން ހޯދައިފިއެވެ.

ހިންމަފުށީގެ ސަރުކާރުގެ އިދާރާތަކާއި އޮފީސްތައް އަދި އަމިއްލަ ކުންފުނިތަކަށްވެސް ބައިވެރިވުމަށް ހުޅުވާލި މިނިވަން ފަރު މުބާރާތުގެ އަންހެން އަދި ޑިވިޝަންގެ ފައިނަލްވެސް ރޭ ކުޅެފައިވާ އިރު، އަންހެން ޑިވިޝަންގެ ފައިނަލްގައި ކައުންސިލުން ވާދަކުރީ ސީޕީޑީއާ ދެކޮޅަށެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 0-0 އިން މެޗު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ކައުންސިލުން މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި ތިން ޓީމަކުން ވާދަކޮށްފައިވާ އިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ކައުންސިލްގެ މަރިޔަމް ނިސާއެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވިފައި ވަނީ އެޗްސީއެސްސީއެވެ.

  • ޝަހުލާ ހުސައިން (ސީޕީޑީ)
  • މުނިޔަތުން ނިސާ (ކައުންސިލް ޓީމް)
  • ފާތިމަތު އަފާ އިބްރާހީމް (ސީޕީޑީ)
  • ނަފްހާ މުހައްމަދު (ސީޕީޑީ)
  • ފާތިމަތު ޝަބާ (އެޗްސީއެޗްއެސް)

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ސީއެމްއެފްއިން ނެގީ ފައިނަލްގައި އައްސޭރި ޕްރިޒަން ބަލިކޮށްގެންނެވެ. ފައިނަލް މެޗު ސީއެމްއެފްއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ފިރިހެން ޑިވިޝަންގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ސީއެމްއެފްގެ އަތުޝަމް އިބްރާހީމް ހޮވުނު އިރު، ފިރިހެން ޑިވިޝަންގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައި ވަނީ ސްޓެލްކޯ ކްލަބެވެ.

  • އަލީ ޝަރީފް (ސީއެމްއެފް ސްޕިރިޓް)
  • އަލީ ސާޖިދު (އައްސޭރި ޕްރިޒަން)
  • އަތުޝަމް އިބްރާހީމް (ސީއެމްއެފް)
  • އިބްރާހިމް ހަލީމް (އައްސޭރި ޕްރިޒަން)
  • ނިހާލް މުހައްމަދު (ސީއެމްއެފް)

މިހާތަނަށް ހިންމަފުށީގައި ކާމިޔާބު ހަރަކާތްތަކެއް މިނިވަން ފަރުން ހިންގާފައިވާ އިރު، ފުޓްސަލް މުބާރާތްވެސް ނިމިގެން ދިޔައީ ބޮޑު ތަރުހީބަކާއެކު ކާމިޔާބު ކޮށެވެ. ރޭގެ ދެ ފައިނަލަށްފަހު އެކިއެކި މަގާމުތަކަށް ހޮވުނު ފަރާތްތަކަށް އެވޯޑާއި ހަނދާނީ ލިޔުން ދީފައިވާ އިރު، ޗެމްޕިއަން ޓީމަށް ޓްރޮފީވެސް ހަވާލު ކޮށްފައިވެއެވެ.

މިނިވަން ފަރު އިންޓަ އޮފީސް ފުޓްސަލް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން"އެވެ.